
-
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގައި ވިދިވިދިގެން 30 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ވެރިކަން ކުރައްވައި، ޤައުމަށް ޒަމާނީ ތަޢުލީމާއި އިޖުތިމާޢީ އަދި ބައިނަލްއަޤްވާމީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވި ޒަޢީމަކީ ރައީސް އަލްއުސްތާޛު މަައުމޫން ޢަބްދުލްޤައްޔޫމެވެ.
އެމަނިކުފާނަކީ ދީނީ ޢިލްމުވެރިއެއް، އަދީބެއް އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަކާލާތުކުރެއްވި ފުންނާބު އުސް ޑިޕްލޮމެޓެކެވެ. އަދި އޭރުގައި ދުނިޔޭގައި ވެރިކަން ކުރި ވަރުގަދަ ޝަހުސިއްޔަތުތަކާއި ގާތް އެކުވެރިކަމެއް އޮތް މިތުރެކެވެ. ކުރުކޮށް ބުނާކަމަށްވާނަމަ އޭރު ރާއްޖޭގެ " އޯލް އިން ވަން" އެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އިސްލާމީ ޝަރީޢާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ރާއްޖެ ވަޑައިގެންނެވި މައުމޫން ޢަބްދުލްޤައްޔޫމް ފުރަތަމަ އަދާކުރެއްވީ ތަޢުލީމީ އަދި ސަރުކާރުގެ އިދާރީ އެކި ވަޒީފާތަކެވެ. ނަމަވެސް، ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ފަހުކޮޅު ސިޔާސީ ސަބަބުތަކަށްޓަކައި ދެ ފަހަރެއްގެ މަތިން އެމަނިކުފާނު އަރުވާލެވުނެވެ.
ފަހުން އަލުން ސަރުކާރާ ގުޅިވަޑައިގެން، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުކަމާއި، ޓްރާންސްޕޯޓް މިނިސްޓަރުކަން ފުރުއްވިއެވެ. 1978 ވަނަ އަހަރު ރައީސް އިބްރާހީމް ނާޞިރު އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ނަން ހުށަހެޅުމުގެ ފުރުޞަތުގައި މައުމޫންގެ ނަންފުޅު މަޖިލީހުން ފާސްކުރިއެވެ. މިހާރު އެކު 28 ޖުލައި 1978 ގައި ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ 92.96 އިންސައްތައިގެ ބޮޑު އަގްލަބިއްޔަތަކުން އެމަނިކުފާނު ރައީސްކަމަށް އިންތިޚާބުވިއެވެ. އަދި 11 ނޮވެމްބަރު 1978 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާ އެމަނިކުފާނު ކުރެއްވިއެވެ. މިއާއިއެކު 11 ނޮވެމްބަރު ފަހުން ވެގެންގޮސްފައިމިވަނީ މިއަހަދުވެސް އަހަރަމެން ފާހަގަކުރާ ޖުމްހޫރީ ދުވަހަށެވެ.
ރައީސް މައުމޫންގެ 30 އަހަރުގެ ޒަޢާމަތުގައި ހޯއްދެވި އެންމެ ބޮޑެތި ކާމިޔާބީތައް ގުޅިފައިވަނީ ތައުލީމާއެެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ސާނަވީ ތަޢުލީމު އޮތީ ހަމައެކަނި މާލޭގައެވެ. ރައީސް މައުމޫން ވަނީ ކޮންމެ އަތޮޅެއްގައި އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި އަތޮޅު މަދަރުސާތައް ( މިހާރު ނަމަ ކޮންމެ އަތޮޅެއްގެވެސް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުތައް) އަޅުއްވައި، އަތޮޅުތަކުގެ ދަރިވަރުންނަށް ޒަމާނީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދެއްވާފައެވެ.
އަދި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ ނިސްބަތް 98 އިންސައްތައަށް މަތިކުރައްވައި ޔުނެސްކޯގެ އެވޯޑުވެސް ރައީސް މައުމޫން ހޯއްދެވިއެވެ.
ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނގަނޑު އުފުލުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނުރައްކާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި އެންމެ ފުރަތަމަ އިސް ދައުރެއް އަދާކުރެއްވި ބައިނަލްއަޤްވާމީ ލީޑަރަކީ މައުމޫނެވެ. 1987 ވަނަ އަހަރު އދ. ގެ ޢާންމު މަޖިލީހުގައި ދެއްވި "ޑެތު އޮފް އަ ނޭޝަން" ތަޤުރީރަކީ ތިމާވެށީގެ ތާރީޚުގައި މިއަދާހަމައަށްވެސް ފާހަގަކޮށްލެވޭ އެންމެ ތާރީޚީ ތަޤުރީރެކެވެ.
އުމްރާނީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ރައީސް މައުމޫންގެ ދައުރުގައި ބިޔަ މަޝްރޫޢުތަކެއް ހިންގެވިއެވެ. މިގޮތުން ވެރިރަށް މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް މާލޭގެ ފަޅު ހިއްކައި، މުޅި މާލެ ވަށައިގެން "ބޮޑުތަކުރުފާނު މަގު" ހައްދަވައި، ޖަޕާނު ސަރުކާރުގެ އެހީގައި މާލެ ވަށައިގެން ބޭރުތޮށި ތަރައްޤީކުރީ އެމަނިކުފާނުގެ ވެރިކަމުގައި އެވެ. މި ބޭރުތޮށީގެ ސަބަބުން 2004 ގެ ސުނާމީ ކާރިސާގައި މާލެ ސުންނާފަތިވުމުން ސަލާމަތްވިއެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ވިލިނގިލި އާބާދުކުރެއްވުމުގެ އިތުރުން، 1997 ވަނަ އަހަރު "ހުޅުމާލެ ބިންހިއްކުމާއި އާބާދުކުރުމުގެ މަޝްރޫޢު" ފައްޓަވައި، މިއަދުގެ ޒަމާނީ ސިޓީގެ ބިންގާ އެޅުއްވީ ރައީސް މައުމޫނުއެވެ.
ހަމައެއާއިއެކު ރާއްޖޭގެ އިސްލާމީ ވަޙްދަތު ރަމްޒުކޮށްދޭ ބިޔަ އިސްލާމީ މަރުކަޒު 1984 ގައި ބިނާކުރެއްވިގެންދިޔައީވެސް ރައީސް މައުމޫނުގެ ވެރިކަމުގައި އެވެ.
އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ޤާއިމުކުރެއްވުމާއި ރާއްޖޭގައި މަތީ ތަޢުލީމު ދޭ އެކި މަރުކަޒުތައް އެއްފުރާޅެއްގެ ދަށަށް ގެންނަވައި ކޮލެޖެއް އުފައްދަވައި، ޤައުމީ ޔުނިވަރސިޓީގެ ބިންގާ އެޅުއްވީވެސް ރައީސް މައުމޫނުއެވެ..
ރައީސް މައުމޫންގެ ދައުރުގައި ދިވެހިރާއްޖެ ދުށް އެންމެ ނުރައްކާތެރި އަދި ބިރުވެރި ހާދިސާއަކީ 3 ނޮވެމްބަރު 1988 ގައި ދިވެހި ޚާއިނުންގެ ބަޔަކު ސްރީލަންކާގެ ޕްލޮޓް ޖަމާޢަތުގެ ކުލީ ސިފައިންނާ ގުޅިގެން މާލެއަށް ދިން ނިރުބަވެރި ހަމަލާއެވެ. މި ޙަމަލާގައި 19 ދިވެހިން ޝަހީދުވިއިރު، ރައީސް މައުމޫން ސިއްރު ރައްކާތެރި ތަނަކަށް ވަޑައިގެން ހުންނަވައި، ބޭރުގެ އެކުވެރި ޤައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.
އެގޮތުން އިންޑިއާ ސިފައިންގެ "އޮޕަރޭޝަން ކެކްޓަސް" ގެ އެހީއާއެކު މި ޢުދުވާން ކުރު މުއްދަތެއްގެ ތެރޭގައި ނާކާމިޔާބުކޮށްލައި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާޢުކުރެއްވިއެވެ.
ރައީސް މައުމޫންގެ 30 އަހަރުގެ ދައުރު (1978-2008) ފާހަގަކުރެވިގެން ގޮސްފައިވަނީ ބައިނަލަގްވާމީ މައިދާނުގައި ކުޑަ ކުޑަ ރާއްޖޭގެ ނަން ފެވެމުންދިޔަ އަދި އިޤްތިޞާދީ ގޮތުން ފަތުރުވެރިކަން މުޅި ދުނިޔެއަށް މަޝްހޫރުވެ ފުޅާވެގެންދިޔަ ދައުރެއްގެ ގޮތުގައެވެ. ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ޙަރަކާތްތައް އިތުރުވެ، ޑިމޮކްރެސީއަށާއި އިންސާނީ ޙައްޤުތަކަށް އެދި ރައްޔިތުން އަޑުއުފުލަން ފެށިއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން، 2004 ވަނަ އަހަރު މައުމޫން ފުރިހަމަ އިޞްލާޙީ އެޖެންޑާއެއް އިޢުލާނުކުރެއްވިއެވެ. މީގެ ދަށުން ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދެއްވިއެވެ. އަދި 2008 ވަނަ އަހަރު ޒަމާނީ ޑިމޮކްރެޓިކް ޤާނޫނުއަސާސީ އެކުލަވާލައި ތަޞްދީޤުކުރެއްވިއެވެ. މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީއަކީ އެއީއެވެ.
2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ނާކާމިޔާބުވެވަޑައިގަތުމުން، ރައީސް މައުމޫން ވަނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އޮމާންކަމާއެކު އިންތިޚާބުވި އައު ރައީސަށް ވެރިކަން ޙަވާލުކުރައްވާފައެވެ.
މައުމޫން ޢަބްދުލްޤައްޔޫމަކީ ޒަމާނީ ދިވެހިރާއްޖޭގެ އުމްރާނީ، ތަޢުލީމީ އަދި ޑިމޮކްރެޓިކް ބިންގާ އެޅުމުގައި ވަރަށް ވަރުގަދަ ދައުރެއް އަދާކުރެއްވި ދިވެހި ތާރީޚުގެ މުހިންމު ޝަޚްޞިއްޔަތެކެވެ.
















