








-
ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި އެންމެ ބޮޑު ސިޔާސީ ހަލަބޮލިކަމަކާއި، ޤާނޫނީ އަދި އިޤްތިޞާދީ ނާޒުކު ދަނޑިވަޅެއްގައި ޤައުމުގެ ހުންގާނާ ޙަވާލުވެވަޑައިގެންނެވީ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
އެމަނިކުފާނަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޕީއެޗްޑީ ޙާޞިލުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ތަޢުލީމީ އަދި އދ. ގެ އެކި މުއައްސަސާތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ދިވެހި ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1980 އަދި 1990 ގެ އަހަރުތަކުގައެވެ. މަޖިލިސް މެންބަރުކަން ކުރެއްވުމުގެ އިތުރުން ޔުނިސެފް ފަދަ އދ. ގެ އިދާރާތަކުގައި އިސް މަޤާމުތައް ފުރުއްވިއެވެ.
2008 ވަނަ އަހަރު ބޭއްވުނު ފުރަތަމަ މަލްޓި-ޕާޓީ ރިޔާސީ އިންތިޚާބުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދުގެ ރަނިންގމޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެން، ދިވެހިރާއްޖޭގެ ފުރަތަމަ އިންތިޚާބީ ނައިބު ރައީސްގެ މަޤާމަށް ވަޑައިގެންނެވިއެވެ.
ނަމަވެސް، ވެރިކަމުގެ ތެރޭގައި އުފެދުނު ސިޔާސީ އަދި ޝަރުޢީ ޚިޔާލުތަފާތުވުންތައް ބޮޑުވެ، މަގުމަތީ މުޒާހަރާތަކާއި ހަމަނުޖެހުންތަކަށްފަހު 7 ފެބްރުއަރީ 2012 ގައި ރައީސް މުޙައްމަދު ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވިއެވެ. މިއާއިއެކު ފެހި ޤާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ހުސްވުމާ ގުޅިގެން ހަމަ އެ ދުވަހު ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. ވަޙީދު ދިވެހިރާއްޖޭގެ 5 ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ރައްޔިތުންގެ މަޖިލީހުގައި ކުރެއްވިއެވެ.
ޑރ. ވަޙީދުގެ ވެރިކަމުގައި ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ވެރިކަން ބަދަލުވުމުގެ ސަބަބުން ޤައުމަށް ކުރިމަތިވި ބޮޑު ދުސްތޫރީ އަދި ސިޔާސީ ކާރިސާއިން ޤައުމު ސަލާމަތްކުރައްވައި، ދަޢުލަތް ހުއްޓުމަކަށް ނައިސް ހިންގެވުމެވެ. ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި ބައިނަލްއަޤްވާމީ ބައެއް ޖަމާޢަތްތަކުން ކުރި ތުހުމަތުތައް ތަޙްޤީޤު ކުރުމަށްޓަކައި، ކޮމަންވެލްތުގެ ފަންނީ މާހިރުންނާއި ބޭރުގެ ފަނޑިޔާރުން ހިމެނޭހެން ކޯނީގެ ނަމުގައި މިނިވަން ކޮމިޝަނެއް އުފެއްދެވިއެވެ. ކޯނީގެ ތަޙްޤީޤަށްފަހު ނިންމީ ވެރިކަން ބަދަލުވީ ޤާނޫނުއަސާސީއާ އެއްގޮތަށް، ޞައްޙަ އިސްތިޢުފާއަކުން ކަމަށެވެ.
މިއީ ވަހީދުގެ ސަރުކާރުގެ ޤާނޫނީ ޞައްޙަކަން ބައިނަލްއަޤްވާމީ ގޮތުން ކަށަވަރުވެގެންދިޔަ މުހިންމު ނިންމުމެކެވެ.
ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، ގިނަ ޕާޓީތައް (ޕީޕީއެމް، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ ހިމެނޭހެން) އެކުލެވޭ "ޤައުމީ އެއްބައިވަންތަކަމުގެ ކެބިނެޓެއް" އެކުލަވާލައްވައިގެން ވަހީދު ވެރިކަން ހިންގެވިއެވެ.
އެމަނިކުފާނުގެ ކުރު ދައުރުގައި ހިންގެވި މުހިންމު މަޝްރޫޢުތަކާއި ނިންމެވި ނިންމެވުންތައްކަމަށްބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީވެލާނާ އެއަރޕޯޓް އަނބުރާ ދަޢުލަތަށް ނެންގެވުމެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު (GMR) ކުންފުންޏަށް ދީފައި އޮތް ރާއްޖޭގެ މައި ވައިގެ ބަނދަރު، ދިވެހި ދަޢުލަތުގެ ބާރުގެ ދަށަށް ގެންނެވުމަށްޓަކައި އެ އެއްބަސްވުން ބާޠިލުކުރައްވައި ނޮވެމްބަރު 2012 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް އެއަރޕޯޓް އަލުން ގެންނެވިއެވެ.
މިއީ ޤައުމީ އިޤްތިޞާދީ އިސްތިޤްލާލު ދިފާޢުކުރުމަށް އެޅުއްވި ވަރަށް ހިތްވަރުގަދަ ފިޔަވަޅެކެވެ.
މީގެ އިތުރުންވެސް ވަހީދު ވަނީ ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރެއްވުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހަރުދަނާކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އަދި އާސަންދަ" ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ޤާނޫނީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ވަހީދު އެޅުއްވި އެވެ.
ޑރ. ވަޙީދުގެ ވެރިކަމުގެ މުޅި ދައުރަކީވެސް މަގުމަތީގެ މުޒާހަރާތަކާއި، އިދިކޮޅު އެމްޑީޕީގެ ސިޔާސީ ފިއްތުންތަކާ މެދުކެނޑުމެއްނެތި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދައުރެކެވެ.
2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އަމިއްލަފުޅަށް "ޤައުމީ އިއްތިހާދު ޕާޓީ" ގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި ނަމަވެސް، ފުރަތަމަ ބުރުން ލިބިވަޑައިގަތީ %5.13 ވޯޓެވެ. ސުޕްރީމް ކޯޓުން ފުރަތަމަ ބުރުގެ ވޯޓު ބާޠިލުކޮށް، އަލުން އިންތިޚާބު ބޭއްވުމުގެ މަރުޙަލާތަކުގައި ދުސްތޫރީ ހުސްކަމެއް އުފެދުމުގެ ފުރުޞަތު އޮތުމުން، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން އައު ރައީސަކު އިންތިޚާބު ވަންދެން މަދު ދުވަސްކޮޅަކަށް ވެރިކަމުގައި ވަހީދު ދެމިހުންނެވިއެވެ.
އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 17 ނޮވެމްބަރު 2013 ގައި ހުވާކުރެއްވުމާ ހަމައަށް، ދަޢުލަތް ހިންގެވީ ވަހީދުއެވެ.
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމަކީ (2012-2013) އެންމެ 1 އަހަރާއި 9 މަސް ދުވަހުގެ ކުރު ދައުރެއް ނަމަވެސް، އެއީ ރާއްޖޭގެ ތާރީޚުގައި އެންމެ ނުތަނަވަސްވި އެއް ވަގުތުގައި ދަޢުލަތުގެ ބާރުތައް ރޫޅިގެން ދިޔަނުދީ ހިފެހެއްޓެވި ވެރިކަމެކެވެ.








