








-
ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން އުފެދުނު ބޮޑު ނުތަނަވަސްކަމަކަށްފަހު، ގިނަ ސިޔާސީ ފިކުރުތަކެއް އެއްގަލަކަށް ގެނެސް އުފެއްދި ވަރުގަދަ ކޯލީޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އެމަނިކުފާނަކީ ޤައުމުގައި ސިޔާސީ ހަމަޖެހުމާއި މަޑުމައިތިރިކަން ޤާއިމުކުރައްވައި، ރާއްޖޭގެ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށާއި، ކޯވިޑް-19 ގެ ބޮޑު ޢާލަމީ ވަބާއިން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެއްވި ލީޑަރެކެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙަކީ 1994 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި 25 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ޕާލިމެންޓަރީ ނުވަތަ ގާނޫނު ހެދުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ރާއްޖޭގައި ސިޔާސީ އިޞްލާޙީ ޙަރަކާތްތައް ފެށި، އެމްޑީޕީ އުފެދުނު ދުވަސްވަރުން ފެށިގެން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައާއި މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ މަޤާމު އެމަނިކުފާނު ފުރުއްވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލިއިރު، އިދިކޮޅު މައި ސިޔާސީ ލީޑަރުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ޤާސިމް އިބްރާހީމް، އަދި ޝައިޚް ޢިމްރާން ޢަބްދުﷲ ފަދަ ބޭފުޅުން ޖަލު ޙުކުމްތަކެއްގައާއި ރާއްޖެއިން ބޭރުގައި ތިއްބެވުމުން، އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އެބޭފުޅުންނަށް ބަންދުވިއެވެ. މި ދަނޑިވަޅުގައި އޭރު އިދިކޮޅުގައި ތިބި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އަދި ރައީސް މައުމޫންގެ ފެކްޝަން ހިމެނޭހެން ހުރިހާ ސިޔާސީ ޕާޓީތައް އެއްބަސްވެ، ގުޅިފައިވާ ޕާޓީތަކުގެ "އިއްތިހާދުގެ ކެންޑިޑޭޓް" އެއްގެ ގޮތުގައި އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ރޭހަށް ނެރުއްވިއެވެ.
ރަނިންގމޭޓަކަށް ހަމަޖެއްސީ ޖުމްހޫރީ ޕާޓީގެ ފައިޞަލް ނަސީމެވެ.
23 ސެޕްޓެމްބަރު 2018 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި، %58.4 ގެ ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ބަލިކުރައްވައި އިދިކޮޅުން އިންތިޚާބު ކާމިޔާބުކުރިއެވެ. 17 ނޮވެމްބަރު 2018 ގައި ދިވެހިރާއްޖޭގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ޤާނޫނީ ހުވާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވިއެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގައި ހޯއްދެވި އެންމެ ފާހަގަކޮށްލެވޭ ދެ ކާމިޔާބީއަކީ ކޯވިޑް-19 ގެ ޢާލަމީ ވަބާއިން ޤައުމު ސަލާމަތްކުރުމާއި ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމެވެ.
އެގޮތުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓުނު ނާޒުކު ދަނޑިވަޅުގައި، ސިއްޙީ މާހިރުންގެ ލަފަޔާއެކު ކޮވިޑް 19 ގެ ދުވަސްވަރު ރައީސް ސޯލިހް ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. ބައިނަލްއަޤްވާމީ އެހީތެރިކަން ހޯއްދަވައިގެން މުޅި ރާއްޖޭގެ އާބާދީއަށް ހިލޭ ވެކްސިން ފޯރުކޮށްދެއްވައި، ފަތުރުވެރިކަމަށް އެންމެ އަވަހަށް ބޯޑަރު ހުޅުވާލި އެއް ޤައުމަކަށް ރާއްޖެ ހެއްދެވިއެވެ. ވިޔަފާރިތަކަށާއި އާމްދަނީ ގެއްލުނު ރައްޔިތުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެއްވައި އިޤްތިޞާދު އިނދަޖެހުނަނުދީ ހިފެހެއްޓެވިއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ޚަރަދުގައި ކޮންމެ ދިވެހި ދަރިވަރަކަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލައްވައި އެ މަޝްރޫޢުގެ ދަށުން 18،000 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިވެ، އާދައިގެ ޢާއިލާތަކަށް ބޮޑު މާލީ ލުޔެއް ހޯއްދައިދެއްވީވެސް ރައީސް ސޯލިހުއެވެ.
"ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ ދަށުން، ކުދި ރަށްރަށާއި ބޮޑެތި ރަށްރަށުގެ ތަފާތު ކުޑަކުރުމަށް ރައީސް ސޯލިހް ގިނަ މަޝްރޫޢުތަކެއް ހިންގެވިއެވެ. އެގޮތުން ރާއްޖޭގެ އެކި އަތޮޅުތައް ޒަމާނީ، އަގުހެޔޮ، އަދި ދުވެލި ބާރު އޭސީ ފެރީތަކުން ގުޅާލުމުގެ ބިޔަ ޤައުމީ މަޝްރޫޢު ކަމަށްވާ އާރްޓީއެލް މަޝްރޫއު ފައްޓަވައި، އަތޮޅުތަކުގެ ދަތުރުފަތުރަށް ބޮޑު އިންޤިލާބެއް ގެނެސްދެއްވިއެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢު ނިންމުމަކާ ހަމައަށް ގެންދެވިއެވެ. އަދި ރަށްރަށުގެ އަވަށްތަކުގެ މެދުގައި ހުރި އިންޖީނުގެތައް ރަށުން ބޭރަށް ބަދަލުކޮށް، ކަރަންޓުގެ ޚިދުމަތް ޒަމާނީކުރެއްވިއެވެ.
ހަމައެއާއިއކެު މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަދޭ 6.7 ކިލޯމީޓަރުގެ ބިޔަ ބްރިޖް މަޝްރޫޢު އިންޑިއާ ސަރުކާރުގެ އެހީގައި ފައްޓަވައި ޢަމަލީ މަސައްކަތް ވެސް ފެށިގެންދިޔައީ ރައީސް ސޯލިހުގެ ވެރިކަމުގައި އެވެ.
މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ޒަމާންތަކަކަށްފަހު ހިލޭ ގޯތި ދޫކުރުމަށްޓަކައި ހުޅުމާލެ ފޭސް 2، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކަވައި 9،000 އަށްވުރެ ގިނަ ގޯތި ދޫކުރެއްވިއެވެ. މީގެއިތުރުން ހުޅުމާލޭގައި 4،000 ފްލެޓް އެޅުމުގެ މަޝްރޫޢު (އަމާން އުދަރެސް / އަމާން ދޯދި) ބާރަށް ކުރިއަށް ގެންދެވިއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ (މިނިމަމް ވޭޖް) ޤާނޫނީ ގޮތުން ކަނޑައަޅުއްވީވެސް ރައީސް ސޯލީހުގެ ވެރިކަމުގެ ދައުރުގެ ތެރޭގފައި އެވެ.
ރައީސް ޞާލިޙްގެ ވެރިކަމަކީ ކޯލީޝަނެއްގެ ތެރޭގައި އޮވެ، 5 އަހަރުގެ ދައުރު ހަމަޖެހުމާއެކު ފުރިހަމަކުރެއްވި ފުރަތަމަ ވެރިކަމަށް ވީނަމަވެސް، ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ އެގޮތުން އެންމެ ގާތް މިތުރު ރައީސް ނަޝީދާ ދެމެދު އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތައް ބޮޑުވެ، އެމްޑީޕީ ދެބައިވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނަޝީދަށް ތާއީދުކުރެއްވި މެންބަރުން ޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. އަދި 2023 ވަނަ އަހަރު ސޯލިހަށް ދެވަނަ ދައުރެއް ނުލިބުމުގެ މައިގަނޑު ސަބަބަކަށްވެގެންދިޔައީވެސް މި ސަބަބެވެ.
މީގެ އިތުރުން ސަރުކާރުން އިންޑިއާއާ މާބޮޑަށް ގާތް ގުޅުމެއް ބާއްވާ ކަމަށާއި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަރުގަދަ "އިންޑިއާ އައުޓް" ކެމްޕޭނެއް ހިންގިއެވެ. މިއީ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ސިޔާސީ ޕްރެޝަރެކެވެ.
ހަމައެއާއިއެކު ކޯވިޑްގެ ޙާލަތާ ގުޅިގެންނާއި އުމްރާނީ ބޮޑެތި މަޝްރޫޢުތަކަށްޓަކައި ނެގުނު ލޯނުތަކުގެ ސަބަބުން ދަޢުލަތުގެ ދަރަނި އިތުރުވެގެންދިޔުމަކީ އިދިކޮޅު ފަރާތްތަކުގެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ކަމެކެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ނަމަވެސް، އެތެރޭގެ ބައިބައިވުމާއި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާ ވާދަކުރައްވައި ދެވަނަ ބުރުން އެމަނިކުފާނަށް ނާކާމިޔާބުވިއެވެ.
އެއަށްފަހު، އެއްވެސް ހަމަނުޖެހުމެއް ނެތި، ނަމޫނާ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން 17 ނޮވެމްބަރު 2023 ގައި ވެރިކަމުގެ ބާރުތައް އައު ރައީސާ ޙަވާލުކުރެއްވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މަޑުމައިތިރި، މަޝްވަރާއަށް އިސްކަންދެއްވި، އަދި ރާއްޖޭގެ ރަށްރަށަށް ތަރައްޤީގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވައި، ޒުވާނުންނަށް ހިލޭ މަތީ ތަޢުލީމުގެ ދޮރު ހުޅުވައިދެއްވި، ޚިދުމަތްތެރި ވެރިއެއްގެ ގޮތުގައި ތާރީޚުގައި ދެމިހުންނަވާނެ ބޭފުޅެކެވެ.








