






އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިމިއްޖެ ކަމަށް ކޮންޓްރެކްޓަރ އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ 3ވަނަ ސެގްމަންޓުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށާއި މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
އެ މަގު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތްތައް އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މި ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި، ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް ވެސް ވަނީ ނިމިފައެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމުގެ ގޮތުން މި ސެގްމަންޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ސަރަޙައްދުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ، ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ، ސެގްމަންޓް 1ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ، އާއްމުންނަށް މަގު ހުޅުވާލާފައެވެ.
އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ މިގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.



