








ފެޑަރީކޯ ވަލްވާޑޭ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ވެލެންސިއާ 3-0 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ކުރީގައި އޮތް ބާސެލޯނާ އާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފިއެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ރޭސިން ސަންޓެންޑާ އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން އެލްޗޭ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
ވެލެންސިއާގެ އެސްޓާޑިއޯ ޑެ މަސްޓެލާގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، ވެލެންސިއާގެ ފަރާތުން ފެނިގެންގޮސްފައި ވަނީ ވަރަށް ފިޒިކަލް ގޭމެކެވެ.
އެގޮތުން ރެއާލްގެ ކުޅުންތެރިން ހުއްޓުވުމަށް ތަކުރާކޮށް ވެލެންސިއާގެ ކުޅުންތެރިން ނުރައްކާތެރި ފައުލް ކުރިނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ފެޑަރީކޯ ވަލްވޭޑެ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު އާޑާ ގުލާއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައި 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ވެލެންސިއާގެ ކެޕްޓަން ހޯސޭ ގަޔާ އެމްބާޕޭއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ ގަޔާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު މެޗުގެ ބާކީބައި ވެލެންސިއާ އިން އެއްކުޅުންތެރިއަކު މަދުކޮށް ފުރިހަމަކުރިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން ރެއާލް މެޑްރިޑަށް 30 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އޮތް ބާސެލޯނާއަށް 11 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް މެޑްރިޑަށް ކުރި ލިބެނީ މިދެޓީމު މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް ކުރިހޯދާފައިވާތީއެވެ.
މީގެ އިތުރުން މިމެޗުން ބަލިވި ވެލެންސިއާ އިން ލީގުގައި ކުޅުނު 12 މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.




