
ޓޮޓެންހަމް އާއި ލީޑްސް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިވެއްޖެއެވެ.
ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގަައި 2-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އަތުން މޮޅުވެފައިވާއިރު، ލީޑްސް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތު އަތުން އެޓީމު ބަލިވީ ވެސް 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
ލީޑްސްގެ އެލަންޑް ރޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ލީޑްސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޒަލޭންޑް ފޯވާޑް ނޯއާ އޮކަފޯ އެވެ.
މިނަތިޖާއެކު ލީގުގައި ކުޅުނު 10 މެޗުން ލީޑްސް ޔުނައިޓެޑަށް 14 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 10 މެޗުން ހޯދި 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10ވަނައިގައެވެ.









