
ފޮރެސްޓާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގަައި މިރޭ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން ބަލިވެ، ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު މެންޗެސްޓާ ސިޓީ އިން ނަގާލައިފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު ލީގުގައި ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑް އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ނޮޓިންހަމްގެ ސިޓީ ގުރައުންޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފޮރެސްޓުންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ޑިފެންޑަރު ކުންޔާ ކާމިޔާބުކުރިއިރު، ފޮރެސްޓުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ލިއަމް ޑެލެޕްއެވެ.
މެންޗެސްޓާ ސިޓީ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި މިޑްފިލްޑަރު ރަޔާން ޗާކީ ކާމިޔާބުކުރިއިރު، މެޗުގެ 73 ވަނަ މިނެޓުގައި ޑެލެޕް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފޮރެސްޓަށް އަލުން ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 10 މެޗުން ނޮޓިންހަމް ފޮރެސްޓަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ވަނީ ރެލިގޭޝަން ޒޯނުން ބޭރަށް ނުކުމެ ތާވަލުގެ 16 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ އިން ލީގުގައި ކުޅުނު 10 މެޗުން ހޯދި 21 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.











