








ޔަމަނުގެ އަށް ޕްރޮވިންސަކަށް އަމާޒުކޮށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައި މަދުވެގެން 72 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ޙޫޘީ ޖަމާޢަތުން ހާމަކޮށްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޙަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ޙޫޘީންގެ ކޮންޓްރޯލް އޮންނަ ވެރިރަށް ސަނާގެ އިރުމަތީގައިވާ ބަނީ ޙުޝައިޝް ސަރަޙައްދަށެވެ.
ޙޫޘީން ވަނީ މި ޙަމަލާތަކަކީ ސަޢޫދީ އިސްވެ އޮންނަ އިއްތިހާދުން ޢާންމުންގެ ގެދޮރަށާއި އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.
އަދި ޙަމަލާތަކުގައި ލިބުނު ބޮޑެތި ގެއްލުންތަކާއެކު، މަރުވި މީހުންގެ ޢަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށްވެސް އެ ޖަމާޢަތުން ބުނެއެވެ.
ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ޢަދަންގައި ޤާއިމުވެފައިވާ ސަރުކާރަށް ތާއީދުކުރާ ސަޢޫދީ އިއްތިހާދުން މި ޙަމަލާތަކާއި ޙޫޘީންގެ ތުހުމަތުތަކާ ގުޅޭގޮތުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.






