








-
ރ. ދުވާފަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނަކީ، އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި އެތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު، ކަބީލާއާގެ، ޢުމުރުން 26 އަހަރުގެ ހާޖަރާ މާއިސާ ޢަލީގެ އިތުރުން، އެ ރަށު ދަފްތަރު ނަންބަރު 0235، ޢުމުރުން 33 އަހަރުގެ ޢަބްދުﷲ ޢަލީއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ހާޖަރާ މާއިސާ ޢަލީ 7 ދުވަހަށް އަދި ޢަބްދުﷲ ޢަލީ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.







