







އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ހަލް ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ހަލް ސިޓީ ބަލިކޮށް އާސެނަލް އިން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް 1-0 ގެ ނަތީޖާއަކުން ބަލިކޮށްފައިވާއިރު، ހަލް ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި އިޕްސްވިޗް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.
އާސެނަލްގެ އެމިރޭޑްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 10 މެޗުން ހޯދި 27 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތްއިރު، މިމެޗުން ބަލިވި ހަލް ސިޓީ އިން ލީގުގައި ކުޅުނު 10 މެޗުން ހޯދި 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.




