.jpg?w=3840&q=75)








ވިކްޓަރ ގްޔޮކަރޭސް އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދެނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް 2-1 ގެ ނަތީޖާއަކުން ބަލިކޮށް އާސެނަލް އިން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ޗެމްޕިއަންސް ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނުގެ ބަޔާން މިޔުނިކާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ޗެމްޕިއަންސް ލީގުގައި ސްލާވިއާ ޕްރާގް އިން އެންމެ ފަހުން ކުޅުނު މެޗުގައި ތުރުކީގެ ފެނަބާޗޭ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ނުވަ މިނެޓުގައި އިނގިރޭސި ފޯވާޑް ނޯނީ މަޑުއެކޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދޯފައެވެ.
އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓާރ ގްޔޮކަރޭސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސްލާވިއާ ޕްރާގް އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އެޓީމުން ނަތިޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ވިކްޓަރ ނޮވާކް އެވެ.
މިނަތިޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އާސެނަލް މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ސްލާވިއާ ޕްރާގް އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 34 ވަނައިގައެވެ.
.jpg?w=3840&q=75)



