




.jpeg?w=3840&q=75)

ލ.މާވަށުގައި ކީރިތި ޤުރިއާނާ ބެހޭ ގައުމީ މަރުކަޒުގެ އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިިފި އެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ގާއިމްކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ހާއްސަ މަޝްރޫއުގެ ދަށުން ކުރިއަށްގެންދެވުނު މަސައްކަތެކެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ލ.މާވަށް ގޮފި އިފްތިތާހްކޮށްދެއްވީ އެރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައިޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަހްމަދު އެވެ. އަދި މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، މާވަށް ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުގެ ތެރެއިން، ގޮފީގައި ޤުރްއާން ކިލާސްތައް ރަސްމީކޮށް އިފްތިތާޙުކޮށް، އެންރޯލްވެފައިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ މި މަރުކަޒުގެ ވަފުދުގެ ބޭފުޅުން ބައްދަލްކުރައްވާފައިވެ އެވެ. އަދި އެ ގޮފީގައި ހިންގާ ޤުރްއާން ތައުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު މާވަށު ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއްވެސް ބާއްވާފައިވެ އެވެ.
މި ގޮފި ހުޅުވުމަކީ ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައިއިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަން އޮތް ޖީލުތަކަށް ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތަޢުލީމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ.


