



.jpeg?w=3840&q=75)




ގްރޭޓަރ މާލެ ސަރަޙައްދުގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު ހޮޓާ ކަމަށްވާ "މެންހެޓަން ގްރޭންޑް ހޮޓެލް" މިރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
މި ތާރީޚީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ކުލަގަދަ ހަވާއެރުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހަވާ އެރުވުން އޮންނާނީ މިރޭ 10:00 ގައި، ހުޅުމާލެ ފޭސް 1 ގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލާ ވީ ސަރަޙައްދުގެ މޫދުގައެވެ. މި ހަރަކާތަކީ ވިޔަފާރި އުސޫލުން، އެ ހޮޓަލުގެ ފުރިހަމަ ޚަރަދުގައި ބާއްވާ ޚާއްޞަ އިވެންޓެކެވެ.
ފަސްތަރީގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ހޮޓަލަކީ ފަތުރުވެރިކަމުގެ ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ތަނެކެވެ. މިގޮތުން މި ހޮޓަލުގައި ޖުމްލަ 162 ކޮޓަރިއާއި، އެކި ކަހަލަ ކެއުންތަކަށް ޚާއްޞަ 4 ރެސްޓޯރަންޓް ހިމެނެއެވެ.
މީގެ އިތުރުން ޖަލްސާތަކާއި އެކި ކަހަލަ އިވެންޓްތައް ބޭއްވުމަށް ޚާއްޞަކޮށްގެން ހަދާފައިވާ ބޮޑު 3 މާލަން (ހޯލް) ވެސް މި ހޮޓަލުގައި ހުންނާނެއެވެ.
މެންހެޓަން ގްރޭންޑް ހޮޓެލް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ، މާލެ ސަރަޙައްދުގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.
ހުޅުމާލޭގައި ގާތްގަނޑަކަށް ވިހި އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ފަށައި، މަސައްކަތް ހުއްޓިފައި އޮތް އިމާރާތް ބޭރުގެ އިންވެސްޓްމަންޓަކާ އެކު ފަސް ތަރީގެ ލަގްޒަރީ ހޮޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކުގައި އެ ތަނަށް އައު ދިރުމެއް ގެނައުމުގެ މަގުސަދުގައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުންޏާއި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއެވެ.
މި ހޮޓަލުގައި ބޭންކުއެޓް ހޯލަކާއި، ކޮންފަރެންސް އަދި މަލްޓިޕާޕަސް ހޯލްތަކާއި، ޖިމް، ސްޕާ، ފަތާ ފެންގަނޑު އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ރެސްޓޯރަންޓްތައް ހިމެނެއެވެ.
ހޮޓަލުގެ އިތުރުން، މި އިމާރާތުގެ ތިން ފަންގިފިލާ ބައެއް ސަރުކާރުގެ ބޭނުންތަކަށް ޚާއްޞަކޮށްފައިވެއެވެ. މީގެ ތެރޭގައި މީޑިއާ ވިލެޖަކާއި، މެޑިކަލް ކޮލެޖަކާއި، ހެރިޓޭޖް ކޮލެޖެއްގެ އިތުރުން ޒުވާނުންގެ މަރުކަޒެއް ހިމެނެއެވެ. ހަތް މިލިއަން ޑޮލަރުގެ މި މަސައްކަތްތައް މިހާރު ވަނީ ނިންމައި ސަރުކާރާ ހަވާލުކުރަން ތައްޔާރުވެފައެވެ.
ހުޅުމާލޭ ސިޓީ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް މީގެ 17 އަހަރު ކުރިން ފެށި ނަމަވެސް، އެތައް އަހަރެން ވަންދެން އެތަން އޮތީ ބޭނުންނުކުރެވި ފަޅަށެވެ. އެޗްޑީސީން ބުނީ މި ސަރަޙައްދު މެންހަޓަން ގްރޭންޑް ހޮޓަލުގެ ގޮތުގައި ތަރައްޤީކުރުމަކީ، ހަލުވިކަމާއެކު ތަރައްޤީވަމުންދާ ހުޅުމާލޭގައި ބޭނުންނުކުރެވި ހުރި ވަސީލަތްތަކުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.



