






ލ.ގަމުގައި ކީރިތި ޤުރިއާނާ ބެހޭ ގައުމީ މަރުކަޒުގެ އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިިފި އެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ގާއިމްކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ހާއްސަ މަޝްރޫއުގެ ދަށުން ކުރިއަށްގެންދެވުނު މަސައްކަތެކެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ލ. ގަން ގޮފި އިފްތިތާހުކޮށްދެއްވީ އެ ރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. އަދި މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ގަން ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުގެ ތެރެއިން، އެ ގޮފީގައި ހިންގާ ޤުރްއާން ތައުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު ގަމު ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވެ އެވެ.
މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތައުލީމު ލާމަރުކަޒީކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަން އޮތް ޖީލުތަކަށް ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތައުލީމަށް ހާއްސަ އިސްކަމެއް ދެއްވަމުންނެވެ.





