



.png?w=3840&q=75)



ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫރޯ 2016 ޓްރޮފީއާއެކު
ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ރަސްމީކޮށް ހުއްޓާލައިފި އެވެ.
ރޮނާލްޑޯ އެންމެ ފުރަތަމަ ގައުމީ ޓީމަށް މެޗެއް ކުޅުނީ 20 އޮގަސްޓް 2003 ވަނަ އަހަރު ކަޒަކިސްތާނާއި ދެކޮޅަށެވެ. އޭރު ރޮނާލްޑޯގެ އުމުރަކީ 18 އަހަރެވެ. އަދި މިއަދު (05 ނޮވެމްބަރު 2026) ގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރޮނާލްޑޯ ވަނީ ސޯޝަލް މީޑިއާގައި ރަސްމީކޮށް އިއުލާންކޮށްފައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ އިންޓަނޭޝަނަލް ކެރިއަރުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޖާޒީގައި 234 މެޗު ކުޅެ 146 ލަނޑު ޖެހުމުގެ އިތުރުން ގައުމީ ޓީމަށް އިތުރު 45 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
މީގެ އިތުރުން ރޮނާލްޑޯ ވަނީ ޕޯޗުގަލް އާއި 2016 ވަނަ އަހަރުގެ ޔޫރޯ، 2019 އަދި 2025 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ވެސް އިންޓަނޭޝަނަލް ގިނަ ރެކޯޑްތަކެއް ދަމަހައްޓަމުން އަންނަ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި މިވަނީ ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި ޕޯޗުގަލްގެ ހެޑް ކޯޗު ޖޯޖް ޖީސަސްއާ މައްސަލަ ޖެހި ގައުމީ ޓީމު ކޭމްޕް ދޫކޮށް ރޮނާލްޑޯ ދިޔަ މައްސަލައިގައި ޕޯޗުގަލްގެ އެފްއޭ އިން ރޮނާލްޑޯ ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފައިވަނިކޮށެވެ.
ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ އިންޓަނޭޝަނަލް ފުޓްބޯޅަ އިން ރިޓަޔާކުރި ނަމަވެސް ކުލަބު ފުޓްބޯޅަ އިން ރިޓަޔާކޮށްފައި ނުވާއިރު، ރޮނާލްޑޯގެ މިހާރުގެ އަމާޒަކީ ކުލަބަށާއި ގައުމީ ޓީމަށް އެންމެ ފުރަތަމަ 1000 ލަނޑު ޖެހުމުގެ ޝަރަފް ހޯދުމެވެ.
ރޮނާލްޑޯ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް މިހާތަނަށް 985 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި 1000 ލަނޑު ހަމަކުރުމަށް ރޮނާލްޑޯ މިހާރު ބޭނުންވަނީ އެންމެ 15 ލަނޑެވެ.



