ވިއްސާރާގައި ޅައިމަގުގެ ގެއެއްގެ ފުރާޅު އެއްލާލާފަ- ފޮޓޯ: ފުލުހުން
މިހާރު ކުރަމުންދާ ވިއްސާރާގައި ށ.ޅައިމަގަށް އައި ވިލާގަނޑެއްގައި އެރަށު ކައުންސިލް އިދާރާއަށާއި ބައެއް ގެތަކަށް އެކިވަރުގެ ގެއްލުންތައް ވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ ފަތިހު އައި ވިލާގަނޑެއްގައި ށ. ޅައިމަގު ކައުންސިލް އިދާރާއަށާއި ބައެއް ގޭގެއަށް އެކިވަރުގެ ގެއްލުންތައް ލިބުމާ ގުޅިގެން، ރަށު ކައުންސިލާ ގުޅިގެން ފުލުހުން، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
މި ހާދިސާގައި ކައުންސިލް އިދާރާގެ އިތުރުން ދެ ގެއެއްގެ ފުރާޅުން ޓިނު ވަޔާއެކު އެއްލާލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެ ގެއެއްގެ ފާރުން ބައެއް ވެއްޓި އަދި ބައެއް ގަސްތައް ވެއްޓިފައިވާކަމަށް ފުލުހުން ފާހަގަކުރި އެވެ.
ފުލުހުން ބުނީ ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ކުރިއަށް އޮތް 5 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ބުނެފައިވާއިރު، އިއްޔެއިން ފެށިގެން ކުރަމުންދިޔަ ވިއްސާރާގައި ރާއްޖޭގެ އެކި ހިސާބުތަަކަށް ބޮޑެތި ގެއްލުންތައް ލިބިގެން ރިޕޯޓްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.








.jpeg?w=3840&q=75)