
.jpg?w=3840&q=75)


.jpg?w=3840&q=75)




ނިކޯ ޕަޒް ލެންސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ފްރާންސްގެ ލެންސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 9-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރަށުން އިޓަލީގެ ކޯމޯ އިން ރެކޯޑް މޮޅެއް ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގައި ކޯމޯ އިން އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެފައިވާއިރު، ލެންސް އެންމެ ފަހުން ކުޅުނު މެޗުގައި ކުލަބު ބުރޫޖް އަތުން 3-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުޅި މެޗުގައި ވެސް ކޯމޯގެ ފަރާތުން ތަފާތު މޮޅު އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި ދެވަނަ ހާފުގައި ކޯމޯ އިން އިތުރު ހަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ލެންސް އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ކޯމޯގެ ފޯވާޑް އަނަސްޓާސިއޯސް ޑޯވިކާސް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ޒުވާން މިޑްފިލްޑަރު މަޓިއާ ލިބަރަލީ، މާޓިން ބަޓްރިނާ، ނިކޯ ޕަޒް، ލޫކަސް ޑަ ކުންޔާ، މާކް އޮލިވާރ ކެމްފް އަދި މަޓެއޯ ޕަޕާޗިއޯލީ މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި ވަނި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ލެންސްގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރުބެން އަގުއިލާރ އެވެ. އަދި މިއާއެކު 9-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކޯމޯ އިން މެޗު ކާމިޔާބުކުރިއިރު، މިއީ ޗެމްޕިއަންސް ލީގު މެޗެެއްގައި ރަށުން ބޭރުގައި ޓީމަކުން މިހާތަނަށް ނެރުނު އެންމެ ތަފާތުބޮޑު ނަތީޖާއެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ހަތަރުވަނައިގައި ކޯމޯ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ލެންސް އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 33 ވަނައިގައެވެ.

.jpg?w=3840&q=75)


.jpg?w=3840&q=75)