








މާލެ ސިޓީ ކައުންސިލްގެ ގޯތިތެރެ- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ބޮޑީ ބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާކޮށްގެން ކުރިއަށްގެންދާ ލޯކަލް ބޮޑީ ބިލްޑިންގް، ލިފްޓިންގް އަދި ޕަވަރ ޕެރަ ވެއިޓް ލިފްޓިންގް މުބާރާތަށް ބޭނުންވާ މުހިންމު އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި އެހީތެރިކަން ދިނުމަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ރަސްމީ އާންމު ޖަލްސާގައި، އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
ކައުންސިލުން ބުނީ ކައުންސިލަށް ހުށަހެޅުނު މައްސަލާގައި ބަޔާންކޮށްފައިވަނީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ 18 އިން 28 އަށް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މުބާރާތުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކައި، މާލެ ސިޓީ ހޯލްގެ ހުސްޖާގަ ހަމަޖައްސައިދިނުމަށާއި، އެ މުއްދަތުގައި ހިނގާނެ ކަރަންޓްގެ ހރަދު ހަމަޖައްސައިދިނުމަށް އެދި ބޮޑީ ބިލްޑިންގ އެސޯސިއޭޝަނުން ސިޓީ ކައުންސިލަށް އެދިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ކައުންސިލްގެ ޖަލްސާގައި މެންބަރުން އިތުރު ބަހުސްއަކާ ނުލާ ނިންމާފައި ވަނީ، ކުޅިވަރުގެ މިފަދަ ހަރަކާތްތަކަށް ހިތްވަރުދީ އެއްބާރުލުން ދިނުމުގެ ގޮތުން، އެސޯސިއޭޝަނުން އެދުނު ފަދައިން ހޯލުގެ ޖާގައާއި ކަރަންޓު ޚަރަދު ހަމަޖައްސައިދީގެން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.








