
2027 ވަނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެމްބަރ އަހްމަދު ސަލީމް ހަމަޖައްސައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މުޤައްރިރަކަށް ސަލީމް އައްޔަންކުރަން ހުށަހަޅުއްވާފައިވަނީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވިއިރު، ކޮމިޓީގެ މުޤައްރިރަކަށް ސަލީމް އައްޔަންކުރުމަށް ކޮމިޓީގެ ހުރިހާ މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ނައިބު މުގައްރިރަކަށް ވެސް ވަނީ ބޭފުޅަކު ހަމަޖައްސާފައެވެ. އެއީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ފުރުޞަތެއް ދިނުމަށް އާންމު ކޮމިޓީން ނިންމަވާފައިވެއެވެ. އަދި ބަހުސް ކުރިއަށްދާއިރު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މާލީ ވަޒީރަށް 45 މިނެޓުގެ ފުރުސަތެއް ދިނުމަށް ނިންމަވާފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ، 64.2 ބިލިޔަން ރުފިޔާއެވެ.
މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މި ޚަރަދުގެ ބޮޑު ބައެއް ކަމަށްވާ 42.7 ބިލިޔަން ރުފިޔާ ހިމެނެނީ، ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓު ޚަރަދުގެ ގޮތުގައެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.










%20(4).jpeg?w=3840&q=75)





