








ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ބެލިސްޓިކް މިސައިލަކުން ޙަމަލާދީ، އެ އެއަރޕޯޓަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ބުނެފި އެވެ.
ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސާރީ ބުނީ، އެ ޖަމާޢަތުން ފޮނުވާލި މިސައިލް ވަނީ ސީދާ އެއަރޕޯޓުގެ އަމާޒަށް ވާޞިލުވެ، އެތަނަށް ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ އެއަރލައިންތަކަށާއި އެއަރޕޯޓުތަކުގެ މުވައްޒަފުންގެ އިތުރުން ދަތުރުވެރިންނަށް އިންޒާރު ދެމުން ސާރީ ވަނީ، މައްކާއާއި މަދީނާގެ ވައިގެ ސަރަޙައްދު ފިޔަވައި، ސަޢޫދީ ޢަރަބިއްޔާގެ އެހެން އެއްވެސް ވައިގެ ސަރަޙައްދެއް ބޭނުންނުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.
ޙޫޘީންގެ މި މިސައިލް ޙަމަލާއާ ގުޅިގެން، ސަޢޫދީ ކަމާބެހޭ އިދާރާތަކުން އަދި މިހާތަނަށް ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.




