






.jpg?w=3840&q=75)

މާލެ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
1448 ވަނަ އަހަރުގެ ރަމަޟާން މަހުގައި މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަހަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި 2 މުބާރާތުގެ ތެރެއިން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެހެން މުބާރާތްތަކެކޭ އެއްގޮތަށް 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. އެގޮތުން ކޮންމެ ގޮތްޕެއްގައި 5 އުމުރުފުރާ ހިމެނޭއިރު، އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވާއިރު،މި އުމުރުފުރާގެ ދަރިވަރުންނަށް ހަތިމުން ބޭނުން ކޮންމެ ތަނެއް 7-5 ފޮޅުވަތުގެ މިންވަރަށް ކިޔެވޭނެ އެވެ.
މީގެއިތުރުން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މަދަޙަ މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށް ކަމަށެވެ. އަދި އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. އެ ނޫން ކޮންމެ ޢުމުރުފުރާއަކުންނާއި، ކޮންމެ ގުރޫޕަކުންނާއި، މުޅި މުބާރާތުން 1 ވަނަ ، 2 ވަނަ 3 ވަނަ، 4 ވަނަ، 5 ވަނަ ހޮވޭނެ އެވެ.
އެހެންކަމުން މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން https://competitions.malecity.gov.mv އިން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މި ދެ މުބާރާތުގެ އުސޫލްތަކާއި މުޤައްރަރު، މި އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވެ އެވެ. އަދި ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުން ކިޔަވަންޖެހޭނީ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މުޤައްރަރަށް ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މި ދެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ، މާލެ ސިޓީ ކައުންސިލްގެ ކޯލްސެންޓަރ 1622 އަށް ގުޅުމަށް އެދިފަ އެވެ.







