

.jpg?w=3840&q=75)






ހަކަތައިގެ ދާއިރާއާ ގުޅޭ ބައިނަލްއަޤްވާމީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ
ހަކަތައިގެ ދާއިރާއިގެ ރައްކާތެރިކަމާއި ގުޅޭގޮތުން ބާއްވާ ބައިނަލްއަގްވާމީ ފޯރަމް އިންޓަނޭޝަނަލް އެނާޖީ ފޯރަމްގެ 17 ވަނަ ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މި މަހުގެ 11 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދިޔަ ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުހައްމަދު އެވެ.
އެނާޖީ ފޯރަމްއަކީ ހަކަތައިގެ ދާއިރާ ހަރުދަނާ ކުރުމަށް ބައިނަލްއަގްވާމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބާއްވާ އެންމެ ބޮޑު އެއް ފޯރަމަށްވާއިރު، މި ފޯރަމުގައި ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ހިދުމަތްދޭ ފަރާތްތަކުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ. އަދި ހާއްސަކޮށް ތިމާވެއްޓާއި ރަށްޓެހި ގޮތްތަކަށް ކަރަންޓު އުފެއްދުމަށް ބާރުއަޅައި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެ އެވެ.
މީގެއިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދުރުރާސްތާއަށް ވިސްނައިގެން މި ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމާއި މާލީ އެހީ އިތުރުކުރެވޭނެ ގޮތްތައްވެސް ބައްދަލުވުމުގައި ހިޔާލު ހުށައަޅާފައިވާއިރު، ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމާއި، ހިދުމަތް ހޯދުމުގައި ހަމަހަމަކަމާއި ފަސޭހަކަމާއެކު ލިބޭނެ ގޮތްތަކަށްވެސް އަލިއަޅުވާލާފައިވެ އެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެން ދާއިރާ ފުޅާކުރުމަށް ގިނަ ހިޔާލުތަކާއި މަޝްވަރާތަކެއް ގެންދެވުނުކަމަށެވެ. އަދި ހާއްސަކޮށް ވަކިވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ އުފެދިފައިވުމަކީ ކަރަންޓުގެ ހިދުމަތް ދިނުމުގައި އޮތް އެންމެ ގޮންޖެހުންކަންވެސް ވުޒާރާއިން ފާހަގަކުރި އެވެ.ނަމަވެސް ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެއިން ކުރަމުންދާއިރު، އޭގެތެރޭގައި ކަރަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަސީލަތްތައް ގާއިމުކުރުމާއި އަދި އިއާދަކުރަނިވި ހަކަތައަށް ބޮޑު ހޭދައެއް ކުރަމުންދެ އެވެ.
އެގޮތުން ސަރުކާރުގެ އަމާޒަކަށްވެފައިވަނީ 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް %33 އަށް ބަދަލުކުރުމެވެ.


.jpg?w=3840&q=75)





