



.jpg?w=3840&q=75)



ސަޢޫދީ ޢަރަބިއްޔާގެ މާތްވެގެންވާ މައްކާގެ ސަރަޙައްދަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ފޮނުވާލި ޑްރޯނެއް، ސަޢޫދީ ކޯލިޝަންގެ ވައިގެ ދިފާޢީ ބާރުތަކުން ކާމިޔާބުކަމާއެކު ނައްތާލައިފިއެވެ.
އިއްތިޙާދުން މަޢުލޫމާތު ދިން ގޮތުގައި، ހުކުރު ދުވަހު މި ޑްރޯން ވައްޓާލާފައިވާއިރު، އޭގެ ކުރީ ދުވަހު ވެރިރަށް ރިޔާޟަށް އަމާޒުކޮށް ޙޫޘީން ފޮނުވި ބެލިސްޓިކް ދެ މިސައިލްވެސް ވަނީ ދިފާޢީ ބާރުތަކުން ހުއްޓުވާފައެވެ. ނަމަވެސް، ވައްޓާލެވުނު މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޟުގެ ޢިމާރާތަކަށާއި، ކޮންސްޓްރަކްޝަން ސައިޓަކަށް އަދި އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ ޤައުމުގެ މަދަނީ ދިފާޢާ ބެހޭ އިދާރާއިން ބުނެއެވެ.
މި ޙަމަލާތަކާ ގުޅިގެން ޙޫޘީންގެ ޢަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ، މައްކާ ފަދަ މާތް ބިމަކަށް އެ ޖަމާޢަތުން ޙަމަލާދިން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އެފަދަ މުޤައްދަސް ތަނަކަށް ދުވަހަކުވެސް ޙަމަލާއެއް އަމާޒު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމުން ސަޢޫދީ ސަރުކާރުން ބުނެފައިވަނީ، މިއީ ޤައުމުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި، ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ ޙައްޤު އެ ޤައުމަށް ލިބިގެންވާ ކަމަށެވެ.



