





އެމްޑަބްލިޔުއެސްސީގެ 2026 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި އެވޯޑް ނައިޓް ބޭއްވުނީ، ކުންފުންޏަށް ދިގު މުއްދަތަށް ޚިދުމަތްކުރެއްވި މުވައްޒަފުންނާއި، ފާއިތުވި އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑްތައް ދިނުމަށެވެ.
މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވުނު މި ޝަރަފުވެރި ހަފްލާގައި، މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާނު އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑުގެ އެކްޓިންގ ޗެއާޕަރސަން ޢައިޝަތު ރޫޙީ، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.
2026 ވަނަ އަހަރު ތަފާތު 12 ކެޓަގަރީއަކުން 40 މުވައްޒަފަކު އެވޯޑް ހާސިލުކޮށްފައިވާއިރު، ކުންފުންޏަށް ދިގު މުއްދަތަށް ޚިދުމަތްކޮށްފައިވާ 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ވެސް ދެވިފައެވެ.
މި ރަސްމިއްޔާތުގައި، މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ، 'OneMWSC' އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ އެމް.ޑަބްލިޔު.އެސް.ސީ އިން މުޅި ރާއްޖޭގައި ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި، އިޖުތިމާޢީ ޒިންމާ (CSR) ގެ ޙަރަކާތްތަކުގެ އިތުރުން ޑިޖިޓަލް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅި މުހިންމު ސްޓްރެޓީޖިކް އޮނިގަނޑެކެވެ.
މި ޙަފްލާގައި ކުންފުނިން ދެވޭ އެންމެ ޚާއްސަ އެވޯޑު ކަމަށްވާ 'ޗެއާޕަރސަންސް އެވޯޑް ފޯރ އެކްސެލެންސް' ލިބިފައިވަނީ ކުންފުނީގެ ސީނިއަރ އިލެކްޓްރިކަލް އިންޖިނިއަރ ޙަސަން ޖަނާހް މޫސާއަށެވެ. މި އެވޯޑަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކުރެވޭ، އަގުހުރި އަދި އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން، ކުންފުނީގެ ތަސައްވުރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮށްދެއްވާފައިވާ ފަރާތަކަށް ދެވޭ އެވޯޑެކެވެ.
އެމް.ޑަބްލިޔު.އެސް.ސީ ސްޓާފް ނައިޓް 2026 ގައި ވާހަކަ ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މި ހަފްލާގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ ހުނަރު ފާހަގަކޮށް، އެބޭފުޅުންގެ ބުރަ މަސައްކަތަށް އަގުވަޒަންކޮށް، ކުރިއަރައިގެން ދިއުމަށް ހިތްވަރު ދިނުން ކަމަށެވެ.
ވޭތުވެދިޔަ އަހަރު މުވައްޒަފުންގެ ކުރިއެރުމާއި ފައިދާއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމް.ޑީ ފާހަގަކުރެއްވިއެވެ. އެގޮތުން، ތަފާތު ދާއިރާތަކުން މުވައްޒަފުން ތަމްރީނު ކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ސްކޮލަރޝިޕް ފުރުސަތުތައް ފަހިކޮށްދީފައިވެއެވެ. މީގެ އިތުރުން، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން ކަށަވަރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވާތީ، މި ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް އިތުރުކުރެވެމުންދާކަން ހުސައިން ފަހުމީ ފާހަގަކުރެއްވިއެވެ.






