





ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގަައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެެވެ.
ހުރިހާ މުބާރާތެއްގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު އަށް މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތު އަތުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ޗެލްސީ ލީގުގަައި އެންމެ ފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން މިހާފުގައި ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭސް އަދި އަމަޑް ޑިއާލޯއަށް ވަނީ މެޗުގެ ލީޑުހޯދުމަށް ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.
މީގެ އިތުރުން މިހާފުގައި ޗެލްސީގެ އެސްޓެވާއޯ އަދި ޔުނައިޓެޑްގެ ކުންޔާ، މިއިން ކޮންމެ ކުޅުންތެރިއަކު މިހާފުގައި އެއްލަނޑު ކާމިޔާބުކުރި ނަމަވެސް، ރެފްރީ ނިންމީ އެ ދެލަނޑުވެސް އޮފްސައިޑް ކަމަށެވެ.
މެޗުގެ ދެވަނަ ހާފު ޗެލްސީ އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 50 ވަނަ މިނެޓުގައި މިޑްފިލްޑަރު މޯގަން ރޮޖާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި ޔުނައިޓަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒަށް ދެއްކި ރަތްކާޑާއެކު އެވެ.
މިއާއެކު މެޗުގެ ބާކީބަައި ޔުނައިޓެޑުން 10 ކުޅުންތެރިންނާއެކު ފުރިހަމަކުރިއިރު، މާޓިނޭޒް ކުރި ފައުލާއި ގުޅިގެން ޗެލްސީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ 64 ވަނަ މިނެޓުގައި ކޯލް ޕާމާ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑްގެ ބްރަޔަން އެމްބޫމޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، މެޗުގެ ލީޑު އިތުރަށް ފުޅާކުރުމަށް ޗެލްސީގެ ޕާމާއަށް ވެސް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
މިނަތީޖާއެކު ލީގުގައި ޗެލްސީ އިން ކުޅުނު ނުވަ މެޗުން ހޯދި 16 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އެޓީމު މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޔުނައިޓެޑުން ލީގުގައި ކުޅުނު ނުވަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.






