




ކްލިނެކެއް
މަހަކު 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އަމިއްލަ ޞިއްޙީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް އަންނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ނެގުމަށް ހަމަޖެހިފައިވާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާއިން އިއުލާންކޮށްފި އެވެ.
އެ ވުޒާރާއިން މިހާރު ވަނީ މިކަމާ ގުޅޭ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ.
ދައުލަތުގެ ސިއްހީ އިންޝުއަރަންސް ނިޒާމު ހަރުދަނާކޮށް، ދައުލަތުގެ ބަޖެޓުން އިސްރާފު ކުޑަކުރުމުގެ މަގްސަދުގައި މަހަކު 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހު އެވެ.
ގެޒެޓުކޮށްފައިވާ އުސޫލާ ގުޅޭގޮތުން އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުންނެވެ. އެހެންކަމުން ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާއިރު، ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ޙާލަތްތަކުގައިވެސް އެއްވެސް ކޯ-ޕޭމަންޓަކާ ނުލައި ފުރިހަމަ ހިދުމަތް ލިބިގެންދާނެ އެވެ.
އާމްދަނީ ބޮޑު ނަމަވެސް، ގައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި އެ ދާއިރާތަކުގައި މީހުން ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް ވަނީ މި އުޞޫލުން އިސްތިސްނާކޮށްފަ އެވެ.
އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތްތައް:
މި ނިންމުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވެފައިވަނީ މި ސިޔާސަތަށް ގެންނަ އިޞްލާޙީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާޢީ ތަރައްގީއަށް ހޭދަކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.





