





ބ.އޭދަފުށީގައި ސަރުކާރުން ގާއިމްކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމެވެ.
މި މަޝްރޫއުއަކީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްގެން، ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މަޝްރޫއުއެކެވެ. އަދި މި އިމާރާތްކުރަނީ ދެ ފަންގިފިލާއަށްކަމަށްވާއިރު،އެންމެ މުހިންމު އެއް ބަޔަކީ އެއްފަހަރާ 700 މީހުންނަށް ޖަމާއަތުގައި ނަމާދުކުރެވޭނެ ތަނަވަސް މިސްކިތެކެވެ.
ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގެ އިތުރުން މި އިމާރާތުގައި މުޖުތަމައުއަށް ފޯރުކޮށްދިނުމަށްޓަކައި އިޖުތިމާޢީ އެކިއެކި ބައްދަލުވުންތަކާއި ޕްރޮގްރާމްތައް ބޭއްވޭ ފަދަ މަލްޓިޕަރޕަސް ހޯލެކާއި،ދީނީ އަދި ޢާންމު ތަޢުލީމު ފޯރުކޮށްދިނުމަށް ޚާއްޞަ 3 ކްލާސްރޫމަކާއި،ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ހިފްޒު ކްލާސްތަކަށް ޚާއްޞަ ބައެކާއި، ދިރާސާތަކާއި ފޮތް ކިޔުމަށް ފަހި ލައިބްރަރީއެއް އަދި އިދާރީ އޮފީސް ބައެއް އަދި ޖަނާޒާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ޤާއިމުކުރާ ޒަމާނީ ހިނަވާގެއެއް އިމާރާތްކުރެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި ސްޓޭޓް މިނިސްޓަރު ޑރ. ޝުޖާޢު ވަނީ، މުޖުތަމަޢުގައި ދީނީ ޝިއަރުތައް އާލާކޮށް އިސްލާމީ ތަރުބިޔަތު ފުޅާކުރުމަށް މިފަދަ ބިނާތަކުގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވާފަ އެވެ.
މި މަރުކަޒުގެ މައިގަނޑު އަމާޒަކީ 2،500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށީގައި ދީނީ އެއްބައިވަންތަކަމާއި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދީ، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ބިނާތައް ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިހާރުވެސް އަތޮޅުތަކުގެ 12 ރަށެއްގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، 16 ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އަދި 45 އަށްވުރެ ގިނަ ރަށުގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދެއެވެ.

