



.jpeg?w=3840&q=75)




ރާއްޖޭގައި ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ ޢަމަލީ ދިރާސާގެ މަސައްކަތް ސަރުކާރުގެ މައި ފެން ކުންފުނި - އެމްޑަބްލިއުއެސްސީއިން ފަށައިފިއެވެ.
މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫއަށް ވާއިރު ފެން އުފައްދާ ނިޒާމު ގާއިމުކުރަނީ މާލޭ ސަރަހައްދުގެ ކަނޑުގައެވެ.
މިހާރު ކުރަމުންދަނީ މި މަސައްކަތް ރާއްޖޭގައި ކުރިއަށް ގެންދެވޭނެތޯ ބެލުމަށް، ސައިޓުގައި ކުރިއަށްގެންދާ ޢަމަލީ ދިރާސާތަކާއި ފެން ތަޙުލީލުކުރުމުގެ މަސައްކަތްތަކެވެ.
ފެން ކުންފުންޏާ ގުޅިގެން، ރާއްޖޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ނޯވޭގެ ފްލޯޝަން ކުންފުނިންނެވެ.މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން "ފްލޯޝަން"ގެ ޓެކްނިކަލް ޓީމުން ވަނީ، ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ސާމްޕަލް ނަގާފައެވެ.
ފުރަތަމަ މަރުހަލާގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކަނޑުގެ އަޑިން ނަގާފައިވާ ފެނަކީ، އާދަޔާ ޚިލާފަށް ސާފު ފެނެއްކަން ދެނެގަނެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. އަދި ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ޤުދުރަތީ ފެނުގެ މަންސަތަކުގެ ތެރޭގައި ހިމެނޭނެ ފެނެކެވެ.
ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ނިޒާމަކަށް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެކަމަށް ފްލޯޝަން ކުންފުނިން ވަނީ ބުނެފައެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔުއެސްސީއިން ވަޒަން ކުރާނެއެވެ.މި މަޝްރޫޢު ކުރިއަށް ގެންދެވިއްޖެނަމަ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީއިން ގެންގުޅޭ ތަޞައްވުރަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާނެކަމަށް އެ ކުންފުނިން ބުނެއެވެ.މިކަން ވެގެންދާނީ، 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ދިވެހިރާއްޖޭއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުންވެސް ކުރެވޭނެ މުހިންމު މަސައްކަތަކަށް ވާނެކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.
މިހާތަނަށް ކުރި ދިރާސާތަކުން މި ޕްލާންޓު ޤާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ، ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ.




.jpeg?w=3840&q=75)



