




ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑަށް އައްޔަނުކުރާ މެމްބަރުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަން ލާޒިމުކުރެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ.
ސިޓީ ކައުންސިލްގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ އޭނާ ވަނީ އެ މަޤާމަށް އިންތިހާބުވެފަ އެވެ. އެހެންކަމުން މިއަދު ކުރިއަށްގެންދިޔައީ ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އައްޔަނުކުރާ ދެ މެންބަރުންގެ ހޮވުމުގެ އިންތިޚާބެވެ.
މިއަދު ކުރިއަށްގެންދިޔަ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ޕީއެންސީން ވަނީ ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމު ކާމިޔާބުކޮށްފަ އެވެ.
މި އިންތިހާބާއި ގުޅިގެން އެލްޖީއޭއިން ބުނީ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރާނެ ކަމަށާއި ގަވާއިދާ އެއްގޮތަށް ދާއިމީ ނަތީޖާ 3 ނޮވެމްބަރުގައި އިއުލާންކުރާނެ ކަމަށެވެ.
މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބެއެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.