






ވިލާ ކޮލެޖާއި އައިޔޫއެމްއެސްޔޫ ވާދަކުރި މެޗުގެ ތެރެއިން....ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން އައިޔޫއެމްއެސްޔޫ ބަލިކޮށް ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްްއޭ) އިން ކަށްވަރުކޮށްފިއެވެ.
މުބާރާތުގެ ލީގުބުރުގައި ވީސީއެސްއޭ ކުޅުނު ފުރަތަމަ ދެމެޗުގައި އެމްއެންޔޫ އަދި އެވިޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އައިޔޫއެމްއެސްޔޫގެ ފުރަތަމަ މެޗުގައި އެމްއެންޔޫ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އެވިޑް އަތުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 12-22 ގެ ނަތީޖާއަކުން ވީސީއެސްއޭ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 10-12 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި ވީސީއެސްއޭގެ ޒައިދު 10 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ އަފްއާން އަށް ޕޮއިންޓް، އަދްޔަން ހަ ޕޮއިންޓް އަދި ރާޒިން ވަނީ ހަތަރު ޕޮއިންޓް ހޯދާފައެވެ. އަދި މީގެ އިތުރުން މިމެޗުގައި ވީސީއެސްއޭގެ ލުވައިޒް، އަޔާން އަދި މުއާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އައިޔޫއެމްއެސްޔޫގެ ރުކްޝާން އަދި އައިމަން މިއިން ކޮންމެ ކުޅުންތެރިއަކު އަށް ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ރައީން ހަތަރު ޕޮއިންޓް އަދި އަރީޝް ވަނީ ދެ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ ޒައިދު އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ވީސީއެސްއޭ އިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އައިޔޫއެމްއެސްޔޫ އިން މުބާރާތް ނިންމާލީ ތާވަލުގެ ފުލުގައި އޮވެއެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.







