





ބަނޑޭރިކޮށި ހުންނަ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް
ޚިދުމަތުގައި ތިބޭ ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަނޑޭރިކޮށި އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ސިފައިންނަކީ، ހާލަތާއި ވަގުތާއި ތަނަށް ރިއާޔަތްކޮށް އާއިލާއާ ދުރުގައި ރެއާއި ދުވާލު ގައުމީ ހިދުމަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވުމާ އެކު، ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ފޯރުކޮށްދޭ ވެލްފެއާގެ ހިދުމަތްތައް ރަނގަޅުކޮށް ތަރައްގީކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމެއްކަށެވެ.
އެގޮތުން ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަން ތަރައްގީކުރުމުގެ މަސައްކަތް ދިފާއީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފައިންގެ ދުވަހުގައި ކުރެއްވި އިއުލާނުކުރެއްވި ގޮތަށް ސިފައިން ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުޅާވެ ތަރައްޤީވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މި ޚިދުމަތާ ގުޅެމުންދާ ސިފައިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް އެދިހުށަހަޅާ ނިސްބަތް އިތުރުވުމުގެ ސަބަބުން،ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ސިފައިންނަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެވެ.
މިގޮތުން ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް، ވީހާވެސް ގިނަ އަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް، ހިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، މިކަން ކުރުމުގައި މި ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށް ޓަކައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެންކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މިގޮތުން ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފްގެ ފަރާތުން މި ދަނީ ވަމުންނެވެ.
އެމްއެންޑީއެފުން ބުނީ މި ތައްޔާރީތަކުގެ ތެރެއިން ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށް ޓަކައި ދޫކުރެވިފައިވާ އެޕާޓްމެންޓްތައް ހުސްކުރުމުގެ ކުރިން އެ ފަރާތްތަކަށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވާގޮތުގެ މައުލޫމާތު ހިއްސާކޮށް، މި ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއަހައި ހައްލުތައް ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން އެމްއެންޑީއެފް އިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާ އެކު، މިހާރު ބަނޑޭރިކޮށި 1 ގައި ދިރިއުޅެމުން ދާ ފަރާތްތައް، އަލަށް ތަރައްޤީކުރެވޭ އެޕާޓްމަންޓްތަކަށް ބަދަލުކުރާ ގޮތަށެވެ. އަދި މި މަޝްރޫޢު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެކަމަށް އެމްއެންޑީއެފް އިން ފާހަގަކުރި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040 އަންނަ އިރު ސިފައިންނަކީ ވަޞީލަތްތައް ފުރިހަމަވެފައިވާ ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ދެވޭ ފެންވަރަށް ރައްޔިތުންނަށް ސިފައިން ދޭ ޚިދުމަތްތައް ފޯރުކޮށްދެއްވުމެވެ.


