





ގދ.ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
މިކަމަށްޓަކައި މިއަދު ތިނަދޫ ސިޓީގައި ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ތިނަދޫ ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި އަޒުވަރު ވަނީ ރައީސްއަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.
ފެނަކަ އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މިހާރުވެސް ސްޓެލްކޯއިން ރާއްޖޭގެ 5 ސިޓީގެ ތެރެއިން 3 ސިޓީގެ ކަރަންޓު ހިދުމަތާއި ހަވާލުވެފައިވާއިރު، ރަށްރަށުގެ ހިދުމަތްތަކާއިވެސް ދަނީ ހަވާލުވަމުންނެވެ.




.jpeg?w=3840&q=75)
