

.jpg?w=3840&q=75)





ތިލަފުށީގައި ޤާއިމްކުރާ އިންސިނަރޭޓަރގެ މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްއާ ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތް ކުރާ އެއްތަނަކީ ތިލަފުށިކަމަށާއި އެގޮތުން ވަކި ގޮތަކަށް ނައްތާލަންޖެހޭ އެއްޗަކަށް ވުމާއެކު އެހެން ރަށްތަކުންވެސް ފައިބަރ ތިލަފުއްޓައް ގެންނަމުންދާކަމަށެވެ.
ވަޒީރު ވަނީ ތިލަފުށީގައި އެތަކެތި މެނޭޖް ކުރެވޭނެ ގޮތްތަކަށް އެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި އިންސިނަރޭޓަރގެ މަސައްކަތް ހުއްޓިފައި ހުރުމަށްފަހު މިހާރު މަސައްކަތް ފެށުމައް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އެ މަސައްކަތް އަލުން ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޕްލޭންއަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް ނިންމާ ބޭނުންކުރަން ފެށުންކަމަށެވެ. މި އިންސިނަރޭޓަރގެ މަަސައްކަތް ނިމި ބޭނުންކުރަން ފެށުމުން ގިނަ ވަމުންދާ ފައިބަރއަށް ހައްލު ލިބިގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓަކީ 13 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ޕްލާންޓެކެވެ. އެއީ، ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ.


.jpg?w=3840&q=75)





