








-
ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ދެމުންއައި ކަރަންޓުގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ފުވައްމުލައް ސިޓީގެ ކަރަންޓުގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އިސް ވެރިންގެ ވަފުދެއް މިއަދު އެ ސިޓީއަށް ޒިޔާރާތްކޮށްފި އެވެ.
ފުވައްމުލައް ސިޓީގެ ކަރަންޓުގެ ޚިދުމަތާ ރަސްމީކޮށް ޙަވާލުވުމަށް ކުރައްވަމުން ގެންދަވާ މި ޒިޔާރަތުގައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އިސް ވެރިން ވަނީ އެ ރަށުގެ އިންޖީނުގެއަށް ވަޑައިގެން އެތަނުގެ ޙާލަތު ވަރަށް ގާތުން ބައްލަވާލައްވާފައެވެ.
އަދި އިންޖީނުގެއާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ދެނެގަނެ، އެކަންކަމަށް ވީއެންމެ އަވަހަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ސްޓެލްކޯގެ ޓެކްނިކަލް ޓީމާއެކު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން ރޭ ވަނީ ފުވައްމުލަކު އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނާ އެމްޑީ ޑރ. ޢަލީ އަޒުވަރު އަދި އިސްވެރިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯއަކީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިގު އަދި ފަޚުރުވެރި މާޟީއެއް އޮތް ކުންފުންޏެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ހަމައެއާއެކު، މުވައްޒަފުންގެ މަސައްކަތުގެ އަޚްލާޤާއި ސުލޫކު ސްޓެލްކޯގެ މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުމަށާއި، ކުންފުނީގައި ޤާއިމުކުރެވިފައިވާ ހަރުދަނާ އުޞޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށްވެސް މެނޭޖިންގ ޑިރެކްޓަރ ވަނީ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.







