
.jpeg?w=3840&q=75)





.jpeg?w=3840&q=75)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށައިފިއެވެ.
ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ގެނެވުނު މި ބަދަލާއެކު، ހއ. އަތޮޅުގެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން އެ ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކުރުމާއި، ވިއުގަތައް ހަރުދަނާކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލާއެކު އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ޔުޓިލިޓީ ޚިދުމަތެއް ކަށަވަރުކޮށްދިނުމެވެ. އަދި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، މެދުކެނޑުމެއްނެތި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.
ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ.

.jpeg?w=3840&q=75)





