








-
ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓުތަކެއް އެޅުމަށްޓަކައި، މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު މާގިރި ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.
މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ކަނޑައެޅޭ ކޮންމެ ރަށެއްގައިވެސް ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި، ރައްކާތެރި އަދި ދެމެހެއްޓެނިވި ޕްލާންޓްތަކެއް ބިނާކުރުމެވެ.
މި މަޝްރޫޢުގެ ދަށުން އައިސްޕްލާންޓު ޤާއިމުކުރުމަށް ހަމަޖެހިފައިވާ 11 ރަށަކީ:
މި ރަށްރަށުގައި މަސައްކަތް ކުރިއަށްދާނީ ފަރުމާކުރުމާއި، ބިނާކުރުން އަދި ތަކެތި ފޯރުކޮށްދިނުމުގެ (ޑިޒައިން، ބިލްޑް އެންޑް ސަޕްލައި) އުޞޫލުންނެވެ. މިގޮތުން 30 ޓަނުގެ އައިސްޕްލާންޓް ފަރުމާކޮށް، ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން މި މަޝްރޫޢުގައި ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ މާޙައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމުމާއި، ތަކެތި އެތެރެކުރުމާއި ގެންދިއުމުގެ ކަންކަން ވިލަރެސްކުރުމާއި، މަޝްރޫޢު މެނޭޖްކުރުމުގެ އިތުރުން ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ޙަވާލުކުރުމުގެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. ހަމައެއާއެކު، ވުޒާރާއާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް ވޮރަންޓީއާއި އާފްޓަރ-ސޭލްސްގެ ޚިދުމަތްތައްވެސް އެ ކުންފުނިން ވިލަރެސްކުރާނެއެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމުގެ ދަތިކަމެވެ. މި މަޝްރޫޢު ފުރިހަމަވުމުން، އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ މަސްވެރިންނަށް ބޭނުންވާ ތާޒާ އައިސް ފަސޭހަކަމާއެކު ލިބި، އައިސް ހޯދުމަށް މަސްވެރިން ކުރަންޖެހޭ ދިގު ދަތުރުތަކާއި ބޭކާރުވާ ވަގުތު އެތައް ގުނައަކުން ކުޑަވެގެންދާނެއެވެ. މިއީ މަސްވެރިކަމުގެ ޞިނާޢަތުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖްގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.




