








-
ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި، އެ ސިޓީގެ ބަނދަރު ސަރަޙައްދުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކާރނޭޝަންވިއު، ޢުމުރުން 35 އަހަރުގެ އިބްރާހީމް ކަލީމެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި، ހަނިމާދޫ ޕޮލިސް އަދި އަޕަރ ނޯތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ކުޅުދުއްފުށި ސިޓީގެ ބަނދަރު ސަރަޙައްދުން އިބްރާހީމް ކަލީމް ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 29.86 ގްރާމުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.







