






ކުޅުއްފުށީ ކަރަންޓު ހިދުމަތާއި ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވުމުގެ ރަސްމިއްޔާތު- ފޮޓޯ: ސްޓެލްކޯ
ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހދ. ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ހިދުމަތާއި ހަވާލުވެއްޖެ އެވެ.
ސްޓެލްކޯއިން ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ހިދުމަތާއި ރަސްމީކޮށް ހަވާލުމަށް އެ ސިޓީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ނަންގަވައިދެއްވީއިރު، ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުތީ މެނޭޖިންގް ޑިރެކްޓަރު އާއިޝަތު މުޒްނާ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެނޭޖިންގް ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ މިއީ ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ޔުޓިލިޓީ ހިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމާއި، އެކަމަށްޓަކައި ރައީސްއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.
ފެނަކަ އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މިހާރުވެސް ސްޓެލްކޯއިން ރާއްޖޭގެ 5 ސިޓީގެ ތެރެއިން 3 ސިޓީގެ ކަރަންޓު ހިދުމަތާއި ހަވާލުވެފައިވާއިރު، ރަށްރަށުގެ ހިދުމަތްތަކާއިވެސް ދަނީ ހަވާލުވަމުންނެވެ.






