








ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ޚާއްޞަ ހެލްތު އިންޝުއަރެންސް ޕެކޭޖަކީ ދައުލަތުގެ ބަޖެޓަށް ބުރަބޮޑު ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ދައުލަތަށް ޚަރަދު ކުޑަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާޙް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުން، އަދި އެ ބޭފުޅުންގެ ޢާއިލާތަކަށް ދައުލަތުން ދެމުން އަންނަ އަގުބޮޑު އިންޝުއަރެންސް ޕެކޭޖު އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދައިގެ ދަށުން ޚިދުމަތް ހަމަޖެއްސުމަށް އެދި މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.
އެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާޙް ފާހަގަކުރެއްވި ގޮތުގައި، މި ޕެޓިޝަން ހުށަހަޅާފައިވަނީ އެ ނިޒާމު ހިންގަމުންދާ ގޮތުގެ ފުރިހަމަ މަޢުލޫމާތު ނެތިއެވެ. އަދި ކަމެއްގެ ޙަޤީޤަތް ރަނގަޅަށް ދިރާސާކުރުމަށްފަހު މެނުވީ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ފަދަ ޕެޓިޝަންތައް ހުށަނޭޅުމަށް އޭނާ ގޮވާލެއްވިއެވެ.
ފަލާޙް ވިދާޅުވި ގޮތުގައި، އިންޝުއަރެންސް ޕެކޭޖުގެ ދަށުން އަހަރަކު 1.35 މިލިއަން ރުފިޔާއާ ހަމައަށް ބޭސްފަރުވާގެ ޚިދުމަތް ލިބުނު ނަމަވެސް، އެއީ ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދުކުރާ ފައިސާއެއް ނޫނެވެ. ކޮންމެ މެންބަރަކަށް ދައުލަތުގެ ބަޖެޓުން އިންޝުއަރެންސް ކުންފުންޏަށް ދައްކަނީ އަހަރަކު އެންމެ 24،000 ރުފިޔާ ކަމަށާއި، އޭގެ އިތުރަށް ދައުލަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އާސަންދައިގެ ދަށުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ބައެއް ޙާލަތްތަކުގައި ދައުލަތުން 6 މިލިއަން ނުވަތަ 10 މިލިއަން ރުފިޔާ ވެސް ޚަރަދުކުރަން ޖެހޭއިރު، ވަކި އިންޝުއަރެންސް ޕެކޭޖެއް އޮތުމުން އާސަންދައިން ކުރަންޖެހޭ މިފަދަ ބޮޑެތި ޚަރަދުތައް ކުޑަކުރެވިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އާންމު ބަލިތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާއިރު ހިނގާ ދަތުރުފަތުރާއި، ހުރުމާއި ކެއިންބުއިމުގެ ޚަރަދުތައް ހަމަޖައްސަނީ މެންބަރުންގެ އަމިއްލަ ޖީބުން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހެޅި މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ، މަޖިލިސް މެންބަރުންނާއި އެ ބޭފުޅުންގެ ޢާއިލާތަކަށް ޚާއްޞަ ހެލްތު އިންޝުއަރެންސް ލިބިދޭ ޤާނޫނީ މާއްދާތައް އުވާލުމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ފޯރުކޮށްދޭ އަސާސީ ސިއްޙީ ޚިދުމަތްތަކުގައި މެންބަރުންނާއި އާންމު ރައްޔިތުންގެ ދެމެދުގައިވާ ފަރަގު ނައްތާލައި، އެހެން ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ޚިދުމަތް ހޯދާ ބަޔަކަށް މެންބަރުން ހެދުމަށް ޤާނޫނަށް އިޞްލާޙު ގެނައުމަށެވެ.
އާންމު ރައްޔިތުންނަށް ނުލިބޭ އެއްވެސް ޚާއްޞަ ޢިނާޔަތެއް މަޖިލިސް މެންބަރުންނަށް ލިބެންޖެހޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވިދާޅުވަމުން ފަލާޙް ވިދާޅުވީ، ރައްޔިތުން އެދޭނަމަ މި އިންޝުއަރެންސް ޕެކޭޖު ދޫކޮށްލެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް، ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ރައްޔިތުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެއްދުމުގެ ބަދަލުގައި، މިފަދަ ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދިނުން މުހިންމު ކަމުގައި އޭނާ ވިދާޅުވިއެވެ.






