







ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
މިކަމަށްޓަކާ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ސްޓެލްކޯއިން އުތުރުގެ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ދިނުމާއި ހަވާލުވުމަށް ކުރަމުންދާ ދަތުރުގައެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ ބައެއް އިސްވެރިން ދަނީ އެއަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ މި ދަތުރުގައި ތުރާކުނުގެ ކަރަންޓާއި، ފެނާއި ނަރުދަމާ ޚިދުމަތާއި ރަސްމީކޮށް ހަވާލުވުމަށް އެކުންފުނިން ހަވާލުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.
މި ރަސްމިއްޔާތަށްފަހު މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ވަނީ، އެ ދެ ރަށުގެ އިންޖީނުގެއާއި އޮފީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އިންޖީނުގެ ހިންގުމާއި ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ހއ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްޓެލްކޯގެ އިސްވެރިން ވަނީ ހޯރަފުށީ އިންޖީނުގެއާއި ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައެވެ. ސްޓެލްކޯއިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި އެ އަތޮޅުގެ އިތުރު ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާއި އެކުންފުނިން ހަވާލުވާނެ ކަމަށެވެ.
ސްޓެލްކޯއިން މިހާރުވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީ އަދި އައްޑުއަތޮޅު ހުޅޫދޫއާއި މީދޫގެ ކަރަންޓުގެ ޚިދުމަތާވެސް ހަވާލުވެފައެވެ. މިއާއެކު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ސްޓްލްކޯއިން ޚިދުމަތް ދޭން ފަށާފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.






