








-
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 119 ފިޓްނަސް އެންޑް ރެކްރިއޭޝަން (އެފްއާރުސީ) ސެންޓަރުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "އަހާ" ފޯރަމުގައި ޢާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މިހާތަނަށް 8 ރަށެއްގެ އެފްއާރުސީ ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ ތަންތަނަށް ބޭނުންވާ ކަސްރަތު ސާމާނުތައް ގަތުމަށްޓަކައި މިހާރު ރަސްމީކޮށް އިޢުލާންކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިފަދަ ސެންޓަރުތައް ޤާއިމުކުރުމަށް އަމާޒު ހިފާފައިވާއިރު، އަދި މިހާތަނަށް މަސައްކަތް ނުފެށި ހުރި ރަށްތަކުގައިވެސް މިއަހަރު ނިމުމުގެ ކުރިން މަސައްކަތްތައް ފެށުމަށް ވުޒާރާއިން ގިނަ ތައްޔާރީތަކެއް ދަނީ ކުރަމުންނެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް 2027 ވަނަ އަހަރުގެ ފަހުކޮޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދެވޭނެ ގޮތަށް ބައްޓަންވެގެން ދިއުން. އަދި އެތަންތަން ބެލެހެއްޓޭނެ ގޮތަށް އެތަންތަނަށް ބަޖެޓް ކުރެވިގެން މަރާމާތުކުރެވިގެން ކުރިއަށްދިއުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ރާފިޢު އިތުރަށް ވިދާޅުވީ، ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރު ހިންގަމުންދާ މަޝްރޫޢުތައް ކިތަންމެ ގިނަ ނަމަވެސް، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.
މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ކުޑަ ރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މީގެކުރިން އަޅާނުލެވި ހުރި ގިނަ ކުޅިވަރުތަކަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ވަރަށް ބާރަށް ކުރަމުންނެވެ.




