








މީހުން ބުނެ އުޅެނީ ދިރިއުޅުމުގެ ބައިވެރިއަކަށް ރ. ވާދޫގެ އަންހެނަކު ޚިޔާރުކޮށްފި ނަމަ، އެމީހެއްގެ ދިރިއުޅޭ މާޙައުލާއި ގޯތިގެދޮރު އަބަދުވެސް އޮންނާނީ އުޖާލާކޮށް، ސާފުތާހިރުކަންމަތީގައެވެ. މިއީ އެއްވެސް ޝައްކެއްނެތް ޙަޤީޤަތެކެވެ. ސަބަބަކީ ކޮންމެ ދުވަހަކުވެސް ކޮންމެފަދަ ހާލަތެއް މެދުވެރިވި ކަމުގައި ވިޔަސް، ގޭދޮށާއި މަގުމަތި ކުނިކަހައި ރީތިކުރުމަކީ މި ރަށުގެ އަންހެންވެރިންގެ ލޭނާރުތަކާ ގުޅިފައިވާ ކަމަކަށް ވާތީއެވެ. ވާދޫގެ ކަނބަލުން ސިފަކޮށްދިނުމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ފުރިހަމަ ތަޢާރަފަކީ މިއީއެވެ. އެކަނބަލުން އެންމެ ޝައުޤުވެރިކަމާއެކު، އުފަލުން ކުރާ އެއް މަސައްކަތަކީ ސާފުތާހިރުކަމުގެ މި މަތިވެރި މަސައްކަތެވެ.
ފަތިހުގެ ފިނިފިނި ވަގުތު، މުދިންބޭގެ ހިތްގައިމު ބަންގީގެ އަޑާއެކު ނުވަތަ ހާލާ ކާޅުގެ އަޑުން ދުނިޔެ ހޭލައްވާލާއިރަށް، ފަތިސް ނަމާދު އަދާކޮށްގެން މި އަންހެންވެރިން ނުކުންނަނީ އިލޮށިފަތި ހިފައިގެންނެވެ. ގޯތިތެރެއާއި ގޭގެ ކުރިމަތީގައިވާ މަގުމަތީ ސަރަޙައްދު ކުނިކަހައި އޮމާންކޮށްނުލައި، އެހެން އެއްވެސް ކަމަކާ ވާދޫގެ އަންހެނުން ނޫޅޭނެއެވެ. އެ ރަށު ތެރެއަށް ފިޔަވަޅު އަޅާ ކޮންމެ މީހެއްގެ ހިތް އަތުލައިގަންނަ ޗާލުކަމާއި ނަލަކަމުގެ އަސްލަކީ މިއީއެވެ. މަގުމައްޗާއި ގޯތިތެރެ ކުނިވެ، ހަޑިވެފައި އޮތުމަކީ މި ރަށުގެ އަހުލުވެރިންނަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. ދުވަހުގެ ފުރަތަމަ ސައިތަށި ބުއިމާއި ކެއިންބުއިމުގެ ކަންކަންވެސް ކުރިއަށްދާނީ ގޭދޮށް ސާފުކޮށް، ޒީނަތްތެރިކުރުމަށްފަހުގައެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު، ކުނިކެހުމަށް ބޭނުންކުރާ ސާމާނަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ކޮޅަށް ހުރެގެން ކަހާ ތަފާތު ވައްތަރުގެ ޕްލާސްޓިކް ފިހިގަނޑުތައް ތަޢާރަފުވެ އާންމުވި ނަމަވެސް، ވާދޫގެ އަންހެންވެރިންގެ ހިތް އަދިވެސް ދޫލަނބަނީ ކާބަފައިންގެ ޒަމާންވީ އާދަކާދައަށެވެ. ފަން ކިރިއްސައި މަށައިގެން، ފަންވަތުން އިލޮށި ވަކިކޮށްގެން ހަދާ ދިވެހި އިލޮށިފައްޗަކީ އަދިވެސް އެމީހުންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެ އިލޮށިފަތީގެ އަޑުން މުޅި ރަށް ހޭލައްވާލަނީ ހިތްފަސޭހަ މާޙައުލެއް އުފައްދަމުންނެވެ.
މި ރިވެތި އާދަ ހަމައެކަނި ގެދޮރާއި އަވަށުތެރެއަކުން ނުނިމެއެވެ. މީހުން ދިރިއުޅޭ ސަރަޙައްދުގެ އިތުރުން، ފަޅު ސަރަޙައްދުތަކުގެ މަގުތަކާއި، ގޮނޑުދޮށްތަކާއި ތުނޑި އަދި ފިނޮޅުތައްވެސް ފެންނާނީ އިންތިހާއަށް ސާފުތާހިރުކޮށެވެ. މުޅި ރަށް ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެ ފަރުދެއްގެވެސް އަމިއްލަ ޒިންމާއެއްގެ ގޮތުގައި އެ ރަށު މީހުން ދެކެއެވެ. ގޮނޑުދޮށަށާއި މޫދަށް ކުނިއެޅުމަކީ ވާދޫ ރައްޔިތުން ދަންނަ ކަމެއް ނޫނެވެ. މިއީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން އެ ރަށުގެ އަހުލުވެރިން ފަޚުރުވެރިވާ ސަގާފަތެކެވެ. މިއަދުވެސް ވާދޫ އަކީ ރާއްޖޭގެ އެހެން ރަށްރަށަށް މިކަމުގައި ދައްކާ ރިވެތި ނަމޫނާއެކެވެ. އަދި މި މާތް ސިފަ، ވާދޫގެ ކަނބަލުންގެ ފަރާތުން އެމީހުންގެ ޅަދަރިންނަށް ތަރުބިއްޔަތުގެ ތެރެއިން ދަނީ ވާރުތަވަމުންނެވެ.
މިފަދަ ފުރިހަމަ ސާފުތާހިރުކަމަކީ ހަމައެކަނި ރީތި އާދައެއް ނޫނެވެ؛ އެއީ މަތިވެރި އިސްލާމްދީނުގެ މައިގަނޑު އަސާސްތަކާ ގުޅިފައިވާ އަޅުކަމެކެވެ. އިސްލާމް ދީނުގެ މައިގަނޑު ތިން ބައި ކަމުގައިވާ ޢަޤީދާ، ޝަރީޢާ އަދި އަޚްލާޤުގެ ތެރޭގައި ސާފުތާހިރުކަމަށް ދެވިފައިވަނީ ޚާއްޞަ މަޤާމެކެވެ. މުސްލިމެއްގެ އީމާންކަމާއި އަޅުކަން ފުރިހަމަވަނީ ސާފުތާހިރު މީހަކަށް ވެގެންނެވެ. މިގޮތުން ޝަޚުޞީ ސާފުތާހިރުކަމުގެ އިތުރުން އާންމު ސާފުތާހިރުކަމަށްވެސް ދީން ބާރުއަޅައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ: "ޠަހާރަތަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ." (އަޙްމަދާއި މުސްލިމް). އަދި ނަޡާފަތްތެރިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން އެހެން ޙަދީޘްތަކުން އެނގެން އޮވެއެވެ. ވީމާ، މީހެއްގެ އީމާންތެރިކަން ފުރިހަމަވުމަށް ސާފުތާހިރުކަން ކޮންމެހެން ބޭނުންވެއެވެ.
އާންމު ސާފުތާހިރުކަމުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް އިސްލާމްދީން އިރުޝާދު ދެނީ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށެވެ. މާތް ﷲ ވަނީ ޠަވާފުކުރާ މީހުންނާއި އަޅުކަމުގައި ތިބޭ މީހުންނަށްޓަކައި އެކަލާނގެ ގެފުޅު ޠާހިރުކޮށް ބޭއްވުމަށް އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނަށް އަމުރުކުރައްވާފައެވެ (އަލްބަޤަރާ: 125). އަދި މިސްކިތް ސާފުކުރާ މީހުންނަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވި ޤަދަރު ވަރަށް ބޮޑެވެ. މިސްކިތް ކުނިކަހައި އުޅުނު މީހަކު ނިޔާވި ޚަބަރު ކުރިން ލިބިވަޑައިނުގަތުމުން، އެކަމާ ހިތާމަކުރައްވައި އެމީހާގެ ކަށްވަޅު ކައިރިއަށް ވަޑައިގެން އެކަލޭގެފާނު ކަށުނަމާދު ކުރެއްވެވިއެވެ. މީގެއިތުރުން، މިސްކިތަށް ކުޅުޖެހުމަކީ ފާފައެއް ކަމަށާއި އޭގެ ކައްފާރާއަކީ އެ ފޮރުވުން (ނުވަތަ މިޒަމާނުގައި ނަމަ ސާފުކޮށްލުން) ކަމުގައި އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. ކުޅަކީ ނަޖިހަކަށް ނުވިނަމަވެސް އެ ސާފުކުރަން ޖެހޭނަމަ، އެހެނިހެން ހަޑިތަކެތިން މިސްކިތް ސާފުކުރުމުގެ މުހިންމުކަން ވަކިން ބޮޑެވެ.
އާންމު ސާފުތާހިރުކަމުގެ ދެވަނަ ކަމެއްގެ ގޮތުގައި އިސްލާމްދީން ބާރުއަޅަނީ ދިރިއުޅޭ ގެދޮރު ސާފުތާހިރުކޮށް ބޭއްވުމަށެވެ. ގެދޮރަކީވެސް އަޅުކަންކޮށް ނަމާދުކުރާ ތަނަކަށް ވާތީ، މިސްކިތްތައް ފަދައިން ގެދޮރުވެސް ޠާހިރުކަންމަތީ ބޭއްވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ސީދާ އަމުރުކުރައްވާފައެވެ.
ރ. ވާދޫގެ އަންހެންވެރިންނާއި ރައްޔިތުން އެ ދައްކުވައިދެނީ އިސްލާމީ ތަޢުލީމުތަކާއި ދިވެހިވަންތަ ރިވެތި އާދަތައް އެކުލެވިގެންވާ މަތިވެރި ނަމޫނާއެކެވެ. ފަތިހުގެ އިލޮށިފަތީގެ އަޑުން ފެށިގެން މުޅި ރަށުގެ ގޮނޑުދޮށްތަކާ ހަމައަށް ފެތުރިފައިވާ އެ ސާފުތާހިރުކަމަކީ، ދިރިއުޅުމުގެ ޒީނަތްތެރިކަމުގެ އިތުރުން މާތް ﷲ ގެ ރުއްސެވުން ލިބިގެންދާނެ މަތިވެރި އަޅުކަމެއްގެ ބައެއްކަން ކަށަވަރެވެ.








