








ގާނޫނީ ދާއިރާގެ ކޯސްތަކުގެ އިމްތިހާނުތައް ހަދަން މަރުކަޒަށް ހާޒިރުވާން ޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމުން މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާ ކުރަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އޭގެ ބަދަލުގައި އިމްތިހާނަށް ހާޒިރުވުމަށް އެ ދަރިވަރުންނަށް އެހީތެރިވެދެވިދާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް މިހެން ވިދާޅުވީ، ގާނޫނީ ދާއިރާގެ ހުރިހާ އިމްތިހާނެއް މަތީތައުލީމު ހާސިލުކުރާ މަރުކަޒަކަށް ހާޒިރުވެގެން ހަދަން ޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވައިދަށް ގެނައި ބަދަލާ މެދު ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުންތަކެއް މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައެވެ.
ނާޒިލް ވިދާޅުވީ ކިޔަވައިދޭ މަރުކަޒަކަށް އެއްގޮތަކަށް ވެސް ހާޒިރުވާން ނުޖެހޭ ގޮތަށް ޑިގްރީ ނުހެދޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ ގަވައިދުގައި 2022 ވަނަ އަހަރު ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން، އެ އުސޫލު އެހެން އޮއްވައި މުޅި ކޯސް އެއްކޮށް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ކޮލެޖަކުން ނިންމާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
އެހެންނަމަވެސް، ކޯހުގެ މެދުތެރެއިން މިފަދަ ގަވައިދެއް ބަދަލުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހަށް މި ޕެޓިޝަން ހުށަހެޅީ ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާއި، ވިލާ ކޮލެޖް އަދި އެވިޑް ކޮލެޖްގައި ގާނޫނީ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންތަކެކެވެ. އެ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތައް" ބަޔާންކުރާ ގަވައިދަށް ގެނައި ދެވަނަ އިސްލާހާ ގުޅިގެންނެވެ.
އެ އިސްލާހުގައި ވަނީ ޖެނުއަރީ 1، 2027 އިން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް ދަރިވަރުން ކިޔަވާ މަރުކަޒަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފަ އެވެ. އަދި މި އުސޫލު ހިނގަނީ އިސްލާހު ގެނައުމުގެ ކުރިން ކޯސް ފަށާފައިވާ ދަރިވަރުންގެ މައްޗަށް ވެސް ހިމެނޭ ގޮތަށެވެ.
ދަރިވަރުންގެ ޕެޓިޝަނުގައި ބުނެފައި ވަނީ، އެ ކުދިން ކޯހާ ގުޅުނީ އޮންލައިންކޮށް އިމްތިހާނު ދެވޭނެ ކަމުގެ ސައްހަ ހުއްދަ އޮތް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ "މަގުބޫލު އުންމީދުގެ ހައްގު" ގެއްލޭ ކަމެއް ކަމަށް ވެސް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ.




