
-
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރުން (ސީއެފްއެމް) ގެ 52 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޢިރާޤުގެ ޚާރިޖީ ވަޒީރު ޑރ. ފުއާދު ޙުސައިނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިރުތިޝާމް ވިދާޅުވީ، ސީއެފްއެމްގެ ރިޔާސަތާ ޢިރާޤުން ރަސްމީކޮށް ޙަވާލުވުމާ ގުޅިގެން އެ ޤައުމުގެ ޚާރިޖީ ވަޒީރަށް މަރުޙަބާއާއި ތަހުނިޔާ ދެންނެވި ކަމަށެވެ.
އަދި ދިވެހިރާއްޖެއާއި ޢިރާޤާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެރުވި ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މި ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުތަކަށް ޢިރާޤު ސަރުކާރުން އަދާކުރި ހޫނު މެހެމާންދާރީ ފާހަގަކުރައްވައި، އެކަމަށްޓަކައި ދިވެހިރާއްޖޭގެ ފަރާތުން ވަޒީރު ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޢާންމު މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅިގެން ކުރިއަށް އޮތް ތަނުގައި އިތުރަށް މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު އިރުތިޝާމް ފާހަގަކުރެއްވިއެވެ.
ޢިރާޤުގެ ވެރިރަށް ބަޣުދާދުގައި މިހާރު ކުރިއަށްދާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ޚާރިޖީ ވަޒީރު ދަނީ އިސްލާމީ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރުމުގެ މުހިންމު މަޝްވަރާތައް ބާއްވަވަމުންނެވެ.
















%20(3).jpeg?w=3840&q=75)