


.jpeg?w=3840&q=75)




ހުޅުމާލޭގެ 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށްފިއެވެ.
މިކަން ހާމަކޮށް އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ހުރި އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށްދީ ނިންމާފައިވާ ކަމަށެވެ.
އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލަން ފެށި މަސައްކަތުގެ ތެރެއިން ރެއިލިން ހަރުކުރަން އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޗްޑީސީ އިން ބުނީ މި ފުރުސަތުގައި ޖުމުލަ 1,011 އެޕާޓްމަންޓުން ރެއިލިން ހަރުކުރުމުގައި އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން މިހާތަނަށް 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާފައިވާކަން ހާމަކުރެއެވެ.
މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކޯޕަރޭޝަނުން ކުރަމުން އަންނަކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސެޕްޓެންބަރު ތިންވަނަ ދުވަހު މި ކޯޕަރޭޝަނުން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ.
އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެ ނޫން ވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މި ފަދަ މަސައްކަތްތަކުގައި އާންމުންގެ ފަރާތުން ދޭ އެއްބާރުލުމަށް ވަނީ ޝުކުރުއަދާކޮށްފައެވެ.



.jpeg?w=3840&q=75)


.jpeg?w=3840&q=75)
