

.jpeg?w=3840&q=75)





ރާއްޖޭގައި ހިންގާ ސައިބަރ ކުށުގެ %68 ހިންގަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަހާ ގުޅުވައިގެން ނެރުއްވި ޚާއްސަ ޚިތާބުގައެވެ.ރާއްޖެއިން ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާ ސީޕީ ވަނީ އާބާދީގެ ގާތްގަނޑަކަށް %85 މީހުން އިންޓަރނެޓާއި، ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ. އަދި ޓެކްނޮލިޖީއާއެކު ފަސޭހަތައް ވިނަމަވެސް، އިންޓަރނެޓުގެ ޒަރިއްއާއިން ކުރިމަތިވާ ތަފާތު ނުރައްކާތައް ފެތުރިގެންދާ ދުވެލިވެސް އެތައް ގުނައަކަށް ހަލުވިވެފައިވާކަން ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ދައުލަތުގެ މުއައްސަސާތައްވެސް ސައިބަރ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ސަރުކާރުން ދޭ ޚިދުމަތްތަކާއި، މާލީ މުއާމަލާތްތަކާއި، ވިޔަފާރިތަކުގެ އިތުރުން ޒާތީ ދިރިއުޅުމުގެ ކަންކަން ޑިޖިޓަލް ވަމުންދާއިރު، މަކަރާއި ހީލަތުގެ މަޅީގައި ރައްޔިތުން ޖައްސައި، ކުށް ކުރުމަށް ސައިބަރ ވެށީގައި ފަހިވާ ފުރުސަތުތައް އިތުރުވާކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނަރ އަޙްމަދު މުޙައްމަދު އިތުރަށް ވިދާޅުވީ ތަރައްޤީއާއި ޒަމާނީ ބަދަލުތަކުގެ ހަގީގީ މަންފާ ހާސިލުކުރެވޭނީ، ކޮންމެ ފަރުދަކުވެސް އަދި ކޮންމެ މުއައްސަސާއަކުންވެސް ޑިޖިޓަލް ރައްކާތެރިކަމަށް ފާރަވެރިވެ، ދުރާލައި ހޭލުންތެރި ފިޔަވަޅުތަކެއް އަޅައިގެންކަމަށެވެ. ކޮމިޝަނަރގެ ޚިތާބުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
މި މައްސަލަތަކުގެ ތެރެއިން %68 އަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ނުރައްކާތެރި އުކުޅުތައް ކުށްވެރިން ބޭނުންކުރާކަން ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތައް ދިމާވަނީ ހޭލުންތެރިކަން ކުޑަވުމާއި އިހުމާލުގެ ސަބަބުންކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އެގޮތުން ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި، ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާކުރުމާއި، އޮންލައިންކޮށް މުއާމަލާތް ކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.


.jpeg?w=3840&q=75)
