

.jpeg?w=3840&q=75)




ސިޔާސީ މަންފާއަށް އިންވެސްޓަރުންނަށް ދޮގު ޚަބަރު ނުފެތުރުމަށް އިގުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެދިވަޑައިފެންފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ބަޔާނެއްގައި ވަޒީރު މިހެން ވިދާޅުވީ ދާދިފަހުން ބައެއް ނޫސްތަކުގައި ފަތުރާފައިވާ މަޢުލޫމާތުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ވަޒީރު ވިދާޅުވީ ޤައުމުގެ ކުރިމަގާއި ރައްޔިތުންނަށް ލިބެން ހުރި ތަނަވަސް ފުރުޞަތުތަކަށް ހުރަސްއެޅޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ހިންގާ މިފަދަ ނޭދެވޭ ހަރަކާތްތަކުގެ ނާޖާއިޒު ފައިދާ، ދުނިޔޭގެ ވާދަވެރި ބާޒާރުގައި އެހެން ޤައުމުތަކުން ނެގުމަކީ ވަރަށް ގާތްކަމެއް ކަމުގައެވެ. އަދި އެފަދަ ފަރާތްތަކަށް މިއީ އުފާވެރި "މިއުޒިކަކަށް" ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރާއްޖޭގެ އިގުތިޞާދުގެ މައި ނާރެހަކީ ފަތުރުވެރިކަންކަން ހަނދާންކޮށްދެއްވާ ވިދާޅުވީ އެ ސިނާޢަތަކީ އަބަދުވެސް އައު ބަދަލުތަކާ އެކު ކުރިއަރަމުން އަންނަ ދާއިރާއެއްކަމަށެވެ. އަދި ދޮގާއި، ނަފުރަތާއި، ޙަސަދަވެރިކަމުގެ ތެރެއިން އެއްވެސް ވިޔަފާރިއެއް ނުވަތަ ސިނާޢަތެއް އާރާސްތު ނުކުރެވޭނެކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގައި އަބަދުވެސް އިސްކުރާނީ ދިވެހި ޤާނޫނުއަސާސީކަމަށާއި، ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް މި ފަސްގަނޑުގައި ނުހިނގާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެހެންކަމުން، ކަންކަމުގެ އަސްލު އޮޅުވާލައިގެން މުޖުތަމަޢުގައި ރުޅިވެރިކަން އުފެއްދުމުގެ ބަދަލުގައި، ތެދު މަޢުލޫމާތު ހޯދުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
ސަރުކާރުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާއިރު، ބޮޑެތި ގިނަ މަޝްރޫޢުތަކެއް މިހާރު ވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި، ނޫނު އަތޮޅުގައި ތަރައްޤީކުރާ "ޢައިލާ" ސަސްޓެއިނަބަލް ޓައުންޝިޕް އަދި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ "ރަސްމާލެ" ހިމެނެއެވެ. މިފަދަ ބިޔަ މަޝްރޫޢުތަކާ ގުޅުވައިގެން ސިޔާސީ މައިދާނުގައި ތަފާތު އެކި ވާހަކަތައް ދެކެވެމުންދާކަން ފާހަގަކުރެވެއެވެ.


.jpeg?w=3840&q=75)


