
އއ. ރަސްދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 10 ގެއެއް ފާސްކޮށް 9 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެ ގެތަކުން މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން ރަސްދޫން ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ހަ މީހެއް ކަމަށް ވެސް ބުނެއެވެ.
އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ރަސްދޫ، ލިލީމީޑް، މުޙައްމަދު ޢުލްވާން ރަޝީދު (21އ) އާއި، ގުލްދަސްތާގެ، އަޙްމަދު ޢަރީފު (37އ) އާއި، ހަވާމަންޒިލް، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ، އަޙްމަދު އިކުލީލް (37އ) ގެ އިތުރުން ކާރނޭޝަންމާގޭ، އަޙްމަދު މުޙައްމަދު (44އ) އަދި އެ ގޭ ޢަލީ ވަސީމް (44އ) ކަމަށް ފުލުހުން ބުނެއެވެ. އަދި މި އޮޕަރޭޝަނުގައި ހދ. ކުމުންދޫ، ވިދުވަރުގެ، ލީނާ މޫސާ (23އ) އާއި، އއ. ތޮއްޑޫ، ހިކިފިނިފެންމާގެ، ރިމާޒު މުޙައްމަދު (29އ) ގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މެހެދީ ހަސަން (27އ) ވެސް ހައްޔަރުކޮށްފައިވާކަމަށް ހާމަކުރެއެވެ.
ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުޙައްމަދުއާއި، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އަޙްމަދު އިކުލީލް ހަތް ދުވަހަށް، މުޙައްމަދު ޢުލްވާން ރަޝީދާއި އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު، ލީނާ މޫސާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ތިން ދުވަހުގެ މުއްދަތަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.


.jpeg?w=3840&q=75)



.jpeg?w=3840&q=75)






.jpeg?w=3840&q=75)
.jpg?w=3840&q=75)