

.jpeg?w=3840&q=75)




.jpeg?w=3840&q=75)
އާންމުންނަށް ދުއްތުރާކޮށް އެކިވަރުގެ އުނދަގޫތައް ކުރިމަތިކުރަމުންދިޔަ އަޙުމަދު ފައިރިޝްގެ މައްސަލައިގައި ތަންފީޒީ އަދި ތަހުގީގީ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންވުމުން މުހައްމަދު ސައީދު އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައްވައިފިއެވެ.
ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީގެ މަގާމު ފުރުއްވާ ސައީދު ވިދާޅުވީ ހަޅުތާލު ނިންމާލީ 35 ގަޑިއިރަށް ފަހު ކަމަށެވެ. އަދި އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލީ މި މައްސަލައިގައި ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދީފައި ވާތީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އޭނާ ބައްދަލުކުރައްވާ، މިމައްސަލާގައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"މިނިސްޓަރު އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދަށް ޝުކުރު އަދާކުރަން. މި ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް އަމަލީ ސިފައެއް އަންނަކަން ކަށަވަރުކުރުމަށް އަހަރެން މިކަންކަން ފާރަވެރިކަމާ އެކު ބަލަމުންދާނަން،" ސައީދު ވިދާޅުވިއެވެ.
"ޕީޖީން ވެސް ރޭގަ ވަރަށް ދަންވަރުގަ އަދި މިއަދުވެސް ގުޅުއްވާފަ މިކަމާއިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އަޅުގަނޑާ އަދި އަޅުގަނޑުގެ އާއިލާއަށް ދެއްވި،" ސައީދު ވިދާޅުވިއެވެ.
މި ހަޅުތާލުގެ ވަގުތު ސާބިތުކަމާ އެކު ކައިރީގައި ތިބި އާއިލާ އާއި އެހެން އެންމެންނަށް ޝުކުރު އަދާކޮށް ސައީދު ވިދާޅުވީ މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމުގައި އެހީތެރިވެދިން މީޑިއާތަކަށާއި ސޯޝަލް މީޑިއާ ޓީމުތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ސައީދު ވަނީ މި މައްސަލައިގައި އޭނާގެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިސްމާއިލް ނިޒާރު ދެއްވި އެއްބާރުލުން ވެސް ފާހަގަކުރައްވައިފައެވެ.
ސައީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ހަޅުތާލަށް ނުކުންނަވަން މަޖުބޫރުވެވަޑައިގަތީ ހުރިހާ މުއައްސަސާއަކަށް ވެސް އެ މައްސަލަ ހުށަހަޅައި އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ. ސައީދު ހަޅުތާލު ފެށި ހަބަރު މީޑިއާތަކުގެ ސުރުހީތަކަށް އެރި ފަހުން ފުލުހުން ވަނީ ފައިރިޝް ރޭ ހައްޔަރުކޮށްފައެވެ.


.jpeg?w=3840&q=75)

.jpeg?w=3840&q=75)


