

.jpeg?w=3840&q=75)





މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މިއަދު މަސްގަންނަނީ ކިލޯއަކަށް 22.75 ރުފިޔާ އަށް ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން އަންނަނީ މަސްގަންނަ ބަނދަރުތަކުން މަސްގަންނަ އަގު ކޮންމެ ދުވަހަކު ވެސް ހާމަކުރަމުންނެވެ.
އެގޮތުން މިއަދު އާންމުކޮށްފައިވާ ގޮތުގައި 10 ކިލޯ އާއި 15 ކިލޯ އާދެމެދުގެ ބޮޑުކަންނެއްޔެއް 10 ރުފިޔާ އަށް ކިލޯއެއް ގަންނައިރު، 15 ކިލޯ އިން މަތީގެ ބޮޑުކަންނެލި ކިލޯއެއްގެ އަގަކީ 25 ރުފިޔާއެވެ.
މިފްކޯ އިން މަސްގަންނަނީ 5 ބަދަރަކުންނެވެ. އެއީ ފެލިވަރު، ކޫއްޑޫ ފިޝަރީޒް، އައްޑޫ ފިޝަރީޒް، މާމެންދޫ އަދި ތިނަދޫ ސިޓީއެވެ.
މިފްކޯއިން ބުނީ، މަހުގެ އަގު ކަނޑައެޅުމުގައި ބަލަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބިނާވާ "ފްލޯޓިންގ ޕްރައިސް" އުޞޫލަށް ކަމަށެވެ. މީގެކުރިން ވަކި އަގެއްގައި ހިފެހެއްޓުމަށްފަހު، ކުރީ ސަރުކާރުގައި މަހުގެ އަގު 25 ރުފިޔާއަށް މަތިކުރުމުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނުނަމަވެސް ބާޒާރުގެ އަގަށް ބިނާވާ ގޮތަށް އުޞޫލު ބަދަލުކޮށް، ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިތާ މިއަހަރަށް މިއީ ދެވަނަ އަހަރެވެ.
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި މަހުގެ އުފެއްދުންތަކަށް އަގު އެއްކޮށްގެން (ވެލިއު އެޑްކޮށްގެން) ވިއްކުމާއި، މަހުގެ ކޮލިޓީ ހިފަހައްޓައި ބޭރުކުރެވޭނެ ނިޒާމު ހަރުދަނާކުރުމާއި، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.


.jpeg?w=3840&q=75)
